ފަހަތުން އަރައި އީގަލްސް ބަލިކޮށް ވިކްޓަރީ ފަސް ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި އީގަލްސް 3-2 އިން ބަލިކޮށް ވިކްޓަރީ ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ. ވިކްޓަރީ ފަސް ވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނައިގައި އޮތީ ހަތް މެޗުން އަށް ޕޮއިންޓާ އެކު ބީޖީ ސްޕޯޓްސް އެވެ. އީގަލްސް އޮތީ ހަތް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ. ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި އީގަލްސް އަށް ލީޑު ނަގައިދިނީ މެޗުގެ ހަ ވަނަ މިނިޓްގައި ސްޕެއިންގެ ފޯވާޑް ޖެރާޑޯ ރެެޔެސް އެވެ. އޭނާ މި ލަނޑު ޖެހީ އިސްމާއިލް އީސާ (މެސީ) ނަގައިދިން ހުރަހަކުން ބޮލުންނެވެ. އީގަލްސް އިން ލީޑު ނެގިތާ ދެ މިނިޓް ފަހުން ނަތީޖާ ހަމަހަމަ ކުރަން ވިކްޓަރީ އަށް ހުސް ފުރުސަތެއް ލިބުނެވެެ. ވިކްޓަރީގެ މުހައްމަދު ތަސްމީން ނަގައިދިން ބޯޅަ އަކުން އީގަލްސް އޭރިއާ ތެރެއަށް ވަދެ އިބްރާހިމް ޝާތިރު ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އީގަލްސްގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނިޓްގައި ޖެހީ އަންސަރު އިބްރާހިމް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖެހުމަށް އީގަލްސްގެ ޔަޝްފާދު ހަބީބަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ރެޔެސް ތަނަވަސްކޮށްދިން ފުރުސަތަކުން ވިކްޓަރީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ޔަޝްފާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ދެ ވަނަ ހާފްގައި ވިކްޓަރީން ކުޅުން ރަނގަޅު ކުރި އެވެ. އެޓީމުން ނަތީޖާ ހަމަހަަމަ ކުރީ ދެ މިނިޓް ތެރޭގައި ޖެހި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު 55 ވަނަ މިނިޓްގައި ޝާތިރު ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ބިދޭސީ ފޯވާޑް ގޮޑްފްރޭ ވެސްޓެވެ. އޭގެ މިނިޓެއް ފަހުން ވިކްޓަރީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޝާތިރު އެވެ. ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރުމުން އިގަލްސް އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މިގޮތުން އީގަލްސްގެ އަބްދުﷲ ސަމީހު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ވިކްޓަރީ ކީޕަރު ތޮލާލް ހަސަން ވަނީ މަތަކޮށްފަ އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރިޒުވާނަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ވިކްޓަރީ މޮޅުކޮށްދިން ލަނޑު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކާމިޔާބު ކުރީ ވެސްޓެވެ. އީގަލްސް އޭރިއާ ބޭރުން ވެސްޓް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. މެޗާއި ބެހޭގޮތުން ވާހަކަ ދަށްކަމުން ވިކްޓަރީގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތާ ހިތްވަރުގެ ނަތީޖާ ކަމަށެވެ. "މި ކާމިޔާބީ އަކީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. ބަލިވެފައި އޮތްއިރު ވެސް ކުޅުންތެރިންނަށް ވިސްނަދިނިން ހިތްވަރު އެލުވާ ނުލަން. މިއީ އެގޮތަށް ކުޅުމުން ލިބުނު މޮޅެއް،" ނާދު ބުންޏެވެ. އޭނާ ބުނީ ލީގުގެ ދެ ވަނަ ބުރަށް ނުކުންނައިރު މި މެޗުން މި ލިބުނު މޮޅަކީ ލީގުގައި ކުރިއަށް ދިއުމަށް އެޓީމަށް ލިބުނު ހިތްވަރެއް ކަމަށެވެ. "މިއީ ލީގު ދެ ވަނަ ބުރަށް ނުކުންނައިރު ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. މިހާރު ކުޅުންތެރިންނަށް އެނގޭ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް މޮޅަށް ކުޅެގެން މި ޓީމަށް ނަތީޖާ ނެރެވިދާނެކަން. މި މެޗުގައި ޓީމުގެ ބައެއް ކުޅުންތެރިން ނުލައި ކުޅުނުއިރު ޓީމުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. ދެން ތިބި ކުޅުންތެރިންނާ އެކު ވިކްޓަރީ ދެ ވަނަ ބުރުގައި ފެންނާނީ ވަރުގަދަކޮށް،" ނާދު ބުންޏެވެ. ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އެވެ. މެޗު ފަށާނީ ހަވީރު 16:00ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ