ފުލުހުން ކޮމެޓީއަށް ދާނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން: ކޮމިޝަނާ

އެއްވެސް ފުލުހަކު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ދެން ދާނީ ބަންޑާރަ ނައިބުގެ ލަފާ، ސުޕްރީމް ކޯޓްގައި ޗެލެންޖުކޮށް އެ ކޮމެޓީއަށް ފުލުހުން ދާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ރޫލިއެއް ނެރުއްވުމުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ވީޑިއޯ އިންޓަވިއުއެއްގައި ކޮމިޝަނާ ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް މީގެ ކުރިން އޭނާއާ ފުލުހުންގެ އެކި ރޭންކުތަކުގެ ވެރިން ޖަވާބުދާރީ ވެފައިވާނެ ކަމާށައި ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުން ގެންދިއުމަށް ފަހު ފުލުހުން ފަލީހަތްކޮށް ލަދުގަންނަވައި ދިމާކޮށް ހަދަމުންދާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
"ސީދާ ހަރަސް [ފުރައްސާރަ] ކޮށް ހުތުރު ބަހުން މުހާތަބުކޮށް އެކިއެކި ނަންނަން ބޭނުންކޮށް، އަމަލު ކުރާތަން [ފެންނަނީ] އަދި ޖަސްޓިސް ބިލްޑިން ކައިރީ ހިނގި އެކްސިޑެންޓާ ގުޅިގެން ކޮމެޓީގައި ތަފުސީލުކޮށް ޖަވާބުދާރީވުމަށްފަހު އެ މައްސަލައާ ގުޅިގެން ޕީއައީސީން ވެސް ތަހުގީގުކޮށް ބަޔާނެއް ނެރެފައި ވަނިކޮށް އަނެއްކާ އެ ހާދިސާ ހިނގި ދުވަހު ހަރަކާތްތެރިވި ކޮންސްޓަބަލް ހާޒިރު ކުރަން ވެސް ވަނީ އަންގާފައި. މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު ކޮމެޓީން އެދި ވަޑައިގަންނަވައިގެން ސްޕެޝަލް އޮޕަރޭޝަންސްގެ ޑެޕިއުޓީ ހެޑްވެސް ވަނީ ހާޒިރުވެފައި އތަންތަން ޓީވީން ލައިވްކޮށް ދައްކަމުން ގެންދިޔަ، އެ މަންޒަރުތަކާއި ސުވާލުތައް ބެއްލެވި ބޭފުޅުންނަށް އެނގޭނެ ކޮން ގޮތަކަށްކަން ސުވާލުތައް އަމާޒު ކުރެއްވީ،" ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ ފެންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނުރަނގަޅު ނިޔަތެއްގައި މަސައްކަތްތަކެއް ކުރާތަން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މަގާމުތަކުގައި ތިބި މީހުން ވަކިވަކިން ގެންގޮސް ފުރައްސާރަކޮށް އެމީހުންނަށް ހުތުރު ނަން ބޭނުންކޮށްގެން މުހާތަބު ކުރަމުންދިޔަ ތަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ އެ ކޮމެޓީއަށް ގޮސް ޖަވާބުދާރީވީއިރު ވެސް އަޅުގަނޑަށް އެނގޭ [ފުލުހުން] ޖަވާބުވުދާރީން ވާންޖެހެނީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން 241 ވަނަ މާއްދާ ބުނާ ސަލާމާތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށްކަން. އެހެން ނަމަވެސް އޭރުވެސް މަޖިލީހަށް ޖަވާބުދާރީވީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ބެލެވޭތީ. އަދި އެ ކޮމެޓީއަކީ އެމްޑީޕީގެ މެޖޯރިޓީ ކޮމެޓީއަކަށްވާތީ އެ ބޭފުޅުންނަށް ފުލުހުންގެ ހިދުމަތް ހިނގަމުންދާ ގޮތް ތަފުސީލުކޮށް ދެންނެވޭނެ ފުރުސަތެއް އޮތް ކަމަށް ފެންނާތީ،" ރިޔާޒު ވިދާޅުވި އެވެ. "އޭގެ ބަދަލުގައި ފެންނިގެން މިދިޔައީ ފުލުހުންގެ އެކި ރޭންކްތަކުގެ މީހުން ވެސް ގެންގޮސް ފުރައްސާރަކޮށް ހުތުރު ބަހުން މުއާމާލަތްކޮށް ހެދިތަން،"
އެކަން އެގޮތަށް ކޮމެޓީގައި ކުރުމުގެ ބޭނުންމެއް ކަމަށް ރިޔާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާ "ޑިސްއޭބްލް" ކޮށްލުން ކަމަށެވެ. ނަމަވެސް ފުލުސް ކޮމިޝަނާގެ މަގާމުގައި ހުންނަވާއިރު އުފުލަން ޖެހޭ މަސްއޫލިއްޔަތަކީ ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމާއި ސުލްހަ ގާއިމުވެފައި ތަނެއްގެ ގޮތުގައި ޔަގީންކޮށްދިނުމާއި ރާއްޖޭގައި ދިރިއުޅޭ މީހުންނަށާއި ޒިޔާރަތް ކުރާ ފަރާތްތަކަށާއި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް އެކަންކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.
"އެ މަސްއޫލިއްޔަތުތައް އަދާ ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މި އިންސްޓިޓިއުޝަނުން އެ ކުރަނީ ފުލުހުން. އެކި ރޭންކުތަކުގައި އެކި މަގާމުތަކުގައި ތިއްބެވި ފުލުހުން، އެ ފުލުހުންނަށް ފުރައްސާރަކޮށް ހުތުރު ބަހުން މުއާމަލާތް ކުރާކަށް، އަންޑަމައިން ކުރާކަށް އަޅުގަނޑު މި މަގާމުގައި ހުރެގެން އެއްވެސް ފަރާތަކަށް އެއީ މީހަކަށް ވިޔަސް އިންސްޓިޓިއުޝަނަކަށްވިޔަސް އެ ފުރުސަތު ދޭކަށް ބޭނުމެއް ނެތް." ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ މި މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދިވަޑައިގެންނެވީ އެކަމާ ގުޅިގެން އެކި ފަރާތްތަކާ މަޝްވަރާކޮށް މައުލޫމާތު ހޯއްދަވައިގެން ކަމަށައި އެޓާނީ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށެވެ.
"ވަރަށް ތަފުސީލުކޮށް އެބައޮތް މިހާރު ޖަވަބު ދެއްވާފައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ފުލުހުން ޖަވާބުދާރީވާން ނުޖެހޭނެ ކަމަށް. އަޅުގަނޑެއް ހަމަގައިމުވެސް ބޭނުމެއް ނެތް ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރަން ކުރާ މަސައްކަތްތަކަށް ހިތްވަރު ދޭ މީހަކަށް ވާކަށް. އަޅުގަނޑަކީ މި އިންސްޓިޓިޝަންގެ ޔުނިފޯމްގަ އެންމެ އިސް މަގާމުގައި ހުރި މީހާ. އަޅުގަނޑުގެ މަސްއޫލިއްޔަތެއް މި އިންސްޓިޓިއުޝަން ޕްރޮޓެކްޓް ކުރުން އެއީ ވެސް. މި ތަން ފަލީހަތް ކުރަން އުޅޭ އެއްވެސް ފަރާތަކަށް އަޅުގަނޑު އެއްބާރުލުމެއް ނުދޭނަން، އެޓާނީ ޖެނަރަލް ނިންމެވި ނިންމެވުން ޗެލެންޖު ކުރައްވާ އެކަމާ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ! ސުޕްރީމް ކޯޓުން އެފަދަ ރޫލިން އެއް ނެރުއްވައިފިއްޔާ ދާނަން އެއީ ރޫލް އޮފް ލޯއަށް އަޅުގަނޑުމެން ތަބާވާނަން އެއީ ޝައްކެތް ނެތް،" ރިޔާޒްވިދާޅުވި އެވެ.
ކޮމިޝަނާގެ އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ފުލުހުންނާމެދު ހިންގާ ކަންކަން ހުއްޓުމަކަށް ގެންނަން ޖެހެ އެވެ. އަދި ވިދާޅުވެފައި ވަނީ މަޖިލީހުގެ ބައެއް މެންބަރުން ކުރައްވާ އަމަލުތަކަކީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށާއި އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
"މި މިއުއައްސަސާއަކީ ގައުމުގެ އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށް މަސައްކަތް ކުރާތަނެއް މި މަސައްކަތް ކުރާއިރު އަންޑަމައިން ކުރަން ކުރާ މަސައްކަތްތަކަށް ހިތްވަރެއް ނުދެވޭނެ އަޅުގަނޑުމެން އެތަންތަނަށް ގެންގޮސް ޓީވީ ކުރިމަތީގައި ފަލީހަތް ކުރަން، ޕަބްލިކް ކުރިމަތީގައި އަޅުގަނޑުމެން ފަލީހަތް ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑު ވަރަށް ހަރުކަށިކޮށް މިކަންކަން ކުށްވެރިވެސް ކުރަން އަޅުގަނޑު ވަރަށް ފާމްކޮށް މިހުރީ މި ޕޮޒިޝަންގައި ސުޕްރީމް ކޯޓުން ރޫލިއެއް ނެރެފިއްޔާ އެއަށް ތަބާވާނާން . އެހެންނަމަވެސް މިކަންކަމާ ދޭތެރޭ އެބަޖެހޭ ވިސްނަން މަޖިލީހުގެ މެންބަރުން ވެސް. އަޅުގަނޑަށް ޔަގީން މިއީ މަޖިލީހުގެ ގިނަ މެންބަރުންގެ ވިސްނުންފުޅު ހުރި ގޮތެއް ނޫންކަން. މިޑިޔާ ބޭފުޅުން ބައްލަވާ ކޮން ކޮން ނަންމަކުންތޯ ފުލުހުންނަށް މުހާތަބު ކުރަނީ މަޖިލީގެ ތެރޭގައި ޔުނިފޯމް އަޅައިގެން އިން ފުލުސް މީހާއާ ދިމާއަށް މުހާތަބު ކުރީ ކޮން ގޮތަކަށްތޯ؟ ދުނިޔޭގެ ކޮން ގައުމެއް، ކޮން ޑިމޮކްރަސީއެއްގަ ތޯ އެހެން ހަދަނީ؟ އެ ޔުނީފޯމަށް އިހުތިރާމް ކުރަންޖެހޭ، އެ އަޅައިގެން ހުންނަ މިހާއެއް ނޫން މުހިންމީ، އެ ޔުނިފޯމް މުހިންމީ، އެ ބެޖަށް އިހުތިރާމް ކުރަންޖެހޭ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ