އިއްޔެ ހެނދުނުން ފެށިގެން ދުވާފަރުން ކަރަންޓް ކެނޑިފައި

އިއްޔެ ހެނދުނުން ފެށިގެން ރ. ދުވާފަރުން ކަރަންޓު ކެނޑިފައިވާތީ އެރަށުގެ ބަޔަކު ރޭ މުޒާހަރާ ކޮށްފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ދުވާފަރު ކަންސިލަރު އަލީ ހަމީދު ވިދާޅުވީ އިއްޔެ ހެނދުނު 8:30 އިން ފެށިގެން ދުވާފަރުން ކަރަންޓް ކެނޑިފައިވާތީ ރަށުގެ ގިނަ ބަޔަކު ރޭ ވަރަށް ދަންވަންދެއް މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި ރަށަށް ކަރަންޓް ލިބޭތޯ އެކިފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރު ހުސައިން ހަމީޒް ވިދާޅުވީ ދުވާފަރުން ކަރަންޓް ކެނޑެން މެދުވެރިވީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ މިރޭގެ ވަގުތެއްގައި ނުވަތަ މާދަމާ ހެނދުނުގެ ވަގުތެއްގައި ދ.ކުޑަހުވަދޫގައިހުރި 400 ކިލޯވޯޓުގެ ޖަނެރޭޓަރެއް އެރަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ޖަނަރޭޓަރު ފޮނުވުނުހާ އަވަހަކަށް އެރަށަށް ކަރަންޓް ދެވޭނެ ކަމަށެވެ.
"މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި 400 ކިލޯވޯޓުގެ ޖަނެރޭޓަރެއް ދުވާފަރަށް ގެންދިއުމުގެ މަސައްކަތް މި ކުރަނި. ޖަނަރޭޓަރު ގެންދެވުނުހާ އަވަހަކަށް ދުވާފަރަށް ކަރަންޓް ދެވޭނެ ކަމަށް މި ބަލަނީ " ހަމީޒް ވިދާޅުވި އެވެ.
ދުވާފަރުގައި މައްސަލަ ދިމާވި ތިން ޖަނަރޭޓަރުން އެއް ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ދެންހުރި ދެ ޖަނަރޭޓަރުވެސް ރަނގަޅަކުރެވޭތޯ މަސައްކަތްކުރަމުން ދާކަމަށް ހަމީޒް ވިދާޅުވި އެވެ.
ދުވާފަރު ކަރަންޓް މައްސަލައިގާ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރަންވެސް އެ ކޮމިޓީން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމާފައެވެ.
އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަން ނިންމީ ދުވާފަރުގެ ޔުޓިލިޓީޒްގެ ކަންކަން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލު ކުރަން އެ ރަށު ރައްޔިތުން އެދޭ އިރު ކަމާބެހޭ ފަރާތްތަކުން އެކަމުގައި ނިންމައިދޭން ޖެހޭ ކަންކަން ލަސްވަމުންދާތީ އެފަރާތްތައް ޖަވާބުދާރީ ކޮށްދިނުމަށްއެދި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު ޒުބައިރު އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ