ރ. އިންނަމާދޫއިން ކަރަންޓު ކެނޑި އެކަމުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫ ތަކަކާއި ކުރިމަތިލަމުންދާކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ކައުންސިލުގެ ކުރީގެ ނައިބު ރައީސް، އަބްދުﷲ ޝަފީގް ވިދާޅުވީ އެރަށަކީ ވަޑާމުގެ މަސައްކަތުން އާމްދަނީ ހޯދާ ރަށަކަށް ވެފައި ކަރަންޓުގެ ހިދުމަތުން ރައްޔިތުން މަހުރޫމްވެފައި ވުމުން އާންމުންނަށް ލިބެމުން އަންނަ އާމްދަނީން މަހުރޫމްވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އެރަށު ގެތަކަށް ދޭތެރެދޭތެރެއިން ކަރަންޓް ފޯރުކޮށްދިން ނަމަވެސް އެއްވެސް ވަޑާން ގެއަކަށް އަދި މަސައްކަތް ކުރާ ސައިޓަކަށް ކަރަންޓު ފޯރުކޮށްދީފައިނުވާ ކަމާއި، ތްރީ ފޭސް ތަންތަނަށްވެސް ކަރަންޓު ނުލިބޭ ކަމަށެވެ.
އެރަށުގައި ގިނައީ ވަޑާންކުރާ މީހުން ކަމަށާއި އަދި މަސްވެރިންގެ ނިސްބަތް ވަރަށް މަދުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެރަށު ރައްޔިތުންނަށް މިމައްސަލައާއި ހުރެ ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ވަޑާން ކުރުމުގެ އިތުރުން ކަރަންޓު ބޭނުންކޮށްގެން ކުރަންޖެހޭ އެހެންވެސް މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް ވިދާޅުވީ ކަރަންޓުގެ މައްސަލަޖެހެން ފެށީ ރައީސް މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ޔުޓުލިޓީސްތައް ފެނަކާ ކޯޕަރޭޝަނާއި ހަވާލު ކުރި ފަހުން ކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލު ނުކުރެވޭ ކަމަށް ވާނަމަ އެކަމެއް ކުރައްވަން ޖެހޭކަމަށާއި އެހެން ނޫނީ އިންތިހާބީ ސަރުކާރެއް އަނެއްކާވެސް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް މިހެން ވިދާޅުވި ނަމަވެސް އެރަށު ކައުންސިލް މެންބަރު އަބްދުއް ސައްތާރު ހަސަން ވިދާޅުވީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށާއި ދެގަޑިން ދެގަޑިން ކަރަންޓު ކެނޑޭ ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ ފެނަކާއިން ވަނީ ރޯދަމަހުގެ ކުރިން އެރަށުގައި 110 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓާފައި ކަމަށެވެ. އަބްދުއް ސައްތާރު ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން އެރަށުގައި އިންޖީނުގެއަކާއި މިސްކިތެއް އިމާރާތްކުރާނެކަމުގެ ވައުދުވެފައިވާކަމަށެވެ. އެ މަސައްކަތްތައް ރޯދަ މަހުގެ ކުރިން ނިންމުމަށް ވައުދުވެފައިވާކަމަށް ސައްތާރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް އަމަލީ ގޮތުން އަމަލީ ސިފައެއް ގެނެސްފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާއި ބެހޭ ގޮތުން ފެނަކާގެ ބަހެއް ހޯދަން ސީއެން އެމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އިންނަމާދޫގައި ކަރަންޓު ކެނޑި އާންމުންނަށް އުނދަގޫތަކަކާއި ކުރިމަތިވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ