އިތުބާރު ނެތް ކަމުގެ ވޯޓު ސިއްރުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް: ސުޕްރީމް ކޯޓު
ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ޚިލާފް، ބާތިލް އިސްލާހުތަކެއް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ވަނީ އެފަދަ ވޯޓުތައް ސިއްރުކުރުމަކީ، ގާނޫނު އަސާސީގައި، ޕާލަމެންޓްރީ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ބުނާ 88 ވަނަ މާއްދާއާ ޚިލާފް ކަމެއް ކަމަށެވެ. އަދި އެއީ މި ޒަމާނުގެ ޕާލަމެންޓްރީ އުސޫލުތަކާއި ދިމިގްރާތީ އުސޫލުތަކާ ވެސް ޚިލާފް ކަމެއް ކަމަށް ހުކުމްގައިވެ އެވެ. ރައުޔު ތަފާތުވި ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔަކީ ވޯޓް ސިއްރުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ނިންމި ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ ގދ. ފިޔޯރީ އައިސާދަރުގޭ އަހުމަދު ސިއްދީގާއި މާލޭ ދަފްތަރު އިބްރާހިމް ހުސައިން އެވެ. އެ ދެ މީހުންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރެއްވީ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ. މަޖިލީހުގައި ތިބި މެމްބަރުންގެ ތެރެއިން އެކި ކުށް ކުށުގެ ތުހުމަތު ކުރެވިފައިވާ ތިބި މެމްބަރުން ބައިވެރިވެގެން މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަމާމެދު ގޮތެއް ނިންމައިދޭން ވެސް މި މައްސަލައިގައި އެދުނެވެ. އެ މެމްބަރުންގެ ގޮތުގައި ވަކީލު ފާހަގަކުރައްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. ޖާބިރާއި ހާމިދަކީ ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ދެ ބޭފުޅުންނަށް ވާއިރު ރަޝީދަކީ ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި އައްޑޫގައި ހިންގި ހުޅުޖެހުމުގެ ހާދިސާތަކާ ގުޅިގެން ދައުވާ ލިބޭ ބޭފުޅެކެވެ. މީގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަކީ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މައްސަލައެއްގައި ހިމެނޭ ދެ ބޭފުޅުންނަށް ވާތީ މެމްބަރުކަމުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވާ އެ ދެ ބޭފުޅުން ބައިވެރިވެގެން ނިންމާ ނިންމުންތަކުގެ ސައްހަކަމާމެދު ވެސް ގޮތެއް ނިންމައިދޭން ވަހީދު އެދިވަޑައިގަތެވެ. އަދި މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދުގެ ތެރޭގައި އެ ދެ މެމްބަރުން ގުނުމާމެދު ވެސް ގޮތެއް ނިންމައިދޭން އެދިވަޑައިގަތެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމްގައި ވަނީ އެފަދަ ބައެއް މެމްބަރުންގެ މައްސަލަތައް ޝަރީއަތުގައި ހިނގަމުންދާ އިރު މި ހުކުމްގައި އެކަމަށް ބަލާފައި ނުވާ ކަމަށެވެ. މުއުތަސިމްގެ ރައުޔުގައި ވަނީ އެ މެމްބަރުންގެ މައްޗަށް ހުކުމެއް ނާންނަހާ ހިނދަކު އެއީ މިނިވަނުން ކަމަށާއި އެ މެމްބަރުންގެ ނިންމުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ. އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުމުން އެ ކޯޓުން ވަނީ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. ރައީސް މުހައްމަދު ވަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ