ވެވުނީ ލޯތްބޭ ޔާރު ހުވާ – 3

ހުރި ފިޔަވަޅުމަތީ ގައި ގުނޑެލާނެ ހިތްވަރު ވެސް ނެތިފައި ހިނދުކޮޅަކު ނާޒްއަށް ހުރެވުނެވެ.
” ހައިލަމް… މީކާ… ” އަނެއްކާވެސް ނާޒްގެ ދޫ ހަރަކާތް ކޮށްލީ ހަމަ އެ ދެ ނަމުންނެވެ.
” މަންމާ… ” ޒޯޔާއަށް ކުއްލިއަކަށް ސޯފާއިން ކޮޅަށް ތެދުވެވުނެވެ.
” ހައިލަމް….. “
ނާޒް އެހެން ބުނަމުން އޭނާގެ ކޮޓަރި ތެރެއަށް ވަންނަން ދުއްވައިގަތެވެ. ފަހަތުން ހައިރާންވެ ހުރެ އެތަކެއް ސުވާލުތަކެއް ހިތުގެ ތެރެއަށް ފުނި ޖަހަމުން ޒާހިދު ވެސް ސޯފާއިން ތެދުވެ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.
***
” ޒައި… ދެން ނުރޮއި ހުއްޓާލަ ބަލަ…. އަހަރެން މާ ދެރަވޭ ޒައި ތިގޮތަށް ކަރުނަ އަޅާތަން ބަލަން… ” މޫނު މަތީގައި ބާލިސް އަޅައިގެން އެނދުގައި ރޯން އޮތް ޒައިނަބުގެ ބުރިކަށީ ގައި ފިރުމަމުން، ހައިލަމް ވާހަކަދައްކަމުން ގެންދިޔަ އެވެ.
” ހައިލަމް… އަހަރެން ކިހިނެއް ކެތްކުރާނީ؟؟؟ އަހަރެން ހިތާމަ ކޮށްކޮށް ހަލާކު ވެދާނެ…. ” މޫނު މަތީގައި އަޅައިފައިވާ ބާލިސް ނަގަމުން ހައިލަމްއަށް ބަލައިލަން ޒައިނަބު މަސައްކަތް ކުރި އެވެ.
” ޒައި… ޒައިއަށް ދެން ގޮތެއް ވެއްޖިއްޔާ…… އަހަރެން މަރުވެ ދާނެ… ކެތްކުރަން ދަސްކުރޭ… ” ހައިލަމް ގެ ހިތް ފަޅައިގެން ދާ ޙާލުގައި އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ ޒައިނަބަށް ވިސްނާ ދެވޭތޯ އެވެ.
ވަރަށް ހިތްވަރު ކޮށްލައިފައި ޒައިނަބު އެނދުން ތެދުވެ، ލަސް ފިޔަވަޅު ތަކެއް ނަގަމުން ކޮޓަރީގެ ދޮރާއި ދިމާލަށް ހިނގަން ފެށި އެވެ. ޒައިނަބުގެ ހަރަކާތްތަކަށް ބަލަމުން ޒައިނަބުގެ ފަސް ފަހަތުން ހައިލަމް ވެސް ދިޔަ އެވެ.
ޒައިނަބު ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރީގެ ކުރިމަތީގައި ހުރި އޭނާގެ ހަމައެކަނި ދަރިފުޅު މީކާގެ ކޮޓަރި ތެރެއަށެވެ.
” ދަރިފުޅާ… ދަރިފުޅާ މީކާ… ” ކޮޓަރި ތެރެއަށް ވަނުމާއި އެކު ޒައިނަބު އޭނާގެ ދަރިފުޅަށް ގޮވަން ފެށި އެވެ.
” ދަރިފުޅާ…. ފީކޯތް ކުޅެނީ ތަ؟؟ އަވަހަށް ނިކުމޭ ފިލާ ތި އޮތް ތާކުން…. އަވަސް ކުރޭ ދަރިފުޅާ…” ޒައިނަބު މުޅި ކޮޓަރީގެ އެތަން މިތަން މަޑުމަޑުން ހޯދައި ބަަލަމުން ދިޔަ އެވެ.
” އަދިވެސް ބައްޕި ބަލަން ހުންނަނީ ތަ؟؟ އާދޭޭ މަންމި އާއި އެކު މީކާ ހޯދަން…. ” ތުންފަތަށް ހިނިތުންވުމެއް ގެންނަމުން ޒައިނަބު ބަލައިލީ ކޮޓަރީގެ ދޮރު ކުރިމަތީ ގައި ހިތް ރޫޅި ފިސްފިސް ވާން ގާތްވެފައި ހުރި ހައިލަމްގެ މޫނަށެވެ.
” ޒަ…. ޒައި… ” ހައިލަމްގެ ލޮލުގެ ތެރެ ކަރުނައިގެ ތިކިތަކުން ފުރައިލި އެވެ.
” ދަރިފުޅާ…. އާދޭ މަންމި ކައިރި އަށް…. މަންމި އާއި ބައްދާލަން އަވަހަށް އާދޭ.. ” ދެއަތް ފޭކޮށްލަމުން ޒައިނަބު ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ޖެހިގަތެވެ.
” ހައިލަމް… އަހަރެމެންގެ ދަރިފުޅެއް ދެން ނާންނާނެތަ؟؟ ” މާޔޫސް ކަމުގެ ބެލުމަކުން ހައިލަމްއަށް ޒައިނަބު ބަލައިލި އެވެ.
” ޒައި… ޕްލީޒް.. ” ހައިލަމްގެ ލޮލުގެ ތެރޭގައި ހިފެހެއްޓިފައިވާ ކަރުނައިގެ ފެން ތިކިތައް މަޑުމަޑުން އޭނާގެ ކޯތާފަތް މައްޗަށް ފައިބަން ފަށައިފި އެވެ.
” ހައިލަމް… މީކާ ރޭގަ ނިދީ މި ރީތިރީތި ކޮޓަރީގަ… އެ އެނދުގައި.. އެކަމު މިރޭ… މީކާ ކޮބާ؟؟؟؟ އަހަރެމެންނަށް ނުވެސް ފެންނަ ހިސާބެއްގަ… ވަރަށް ދުރުގަ….. ކަށްވަޅުގެ އަނދިރީގަ…. އެކަނި މާއެކަނި.. އަހަރެމެންގެ ކުޑަކުޑަ މީކާ ވަގުތު އެ ހޭދަ ކުރަނީ…. އެކަން ހިތަށް ވެރިވާ ކޮންމެ ފަހަރަކު.. މިހިތަށް ހީވަނީ ތޫނު އެއްޗެއް ވަރަށް ފުންމިނަށް ހަރައިލާހެން….. ހިތަށް ވަރަށް ތަދުވޭ… ” ކުއްލިއަކަަށް ހުރެފައި ޒައިނަބު ވަރަށް ބާރަށް ރޯން ފެށި އެވެ.
” ޒައި… “
ދޮރު ކުރިމަތީގައި ހުރި ހައިލަމް ދުވެފައި އައި ގޮތަށް އައިސް ޒައިނަބުގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އެއާއި އެކު ހައިލަމް ވެސް ރޯން ފެށި އެވެ. ޒައިނަބުގެ ގާތުގައި ނުރޯން ކުރި މަސައްކަތް ހައިލަމް އަށް ކާމިޔާބު ނުވީ އެވެ. ޒައިނަބު އާއި އެއް ވަރަށް ހައިލަމް ވެސް ދިޔައީ ރޮމުންނެވެ. އެތައް އިރަކު ލޮލުގެ ތެރެއަށް ގުޅަކޮށް ގެން ހުރި ކަރުނަތައް ހިތް ފުރޭ ވަރަށް ދެ ލޮލާއި ވަކި ކޮށްލަން ހައިލަމް ބޭނުންވި އެވެ. އެކަކަށް ވުރެށް ބާރަށް އަނެކެއްގެ ވޭނީ ގިސްލުމުގެ އަޑު ދިޔައީ ގަދަ ވަމުންނެވެ.
***
” ހައިލަމް ފޯނަށް ޖަވާބެއް ނުދޭ… ޒާހިދު.. އަހަރެން އެބަ ވަރަށް މޭޖެހޭ ގޮތްވޭ… ހިތް ބިރު ގަންނަނީ…” ކަންފަތުން ފޯނު ތިރި ކޮށްލަމުން ނާޒް ބަލައިލީ ސީދާ ޒާހިދުގެ ދެ ލޮލަށެވެ.
” ނާޒް ހަމަޖެހޭ… އަދި ނޭނގެ އެއްނު އެއީ ނާޒްގެ އެކުވެރި ހައިލަމް ކަމެއް ވެސް…” ޒާހިދު ނާޒްގެ އަތުގައި ހިފައިލި އެވެ.
” ނޫން.. ހަމަ އެއީ…. ހަމަ އެއީ ހައިލަމް… ހައިލަމްގެ ދަރިފުޅު…. ހައިލަމް ވަރަށް ދެރަ ވާނެ…. އެއީ އަހަރެންނަށް ވަރަށް ހެޔޮ އެދޭ ރަނގަޅު ރަޙުމަތްތެރި އެއް….” ނާޒް ގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.
މުޅި ރޭ ވެސް ނާޒް ހޭދަ ކުރީ ޚަބަރުން އިވުނު ވާހަކަތަކާއި މެދުގައި ވިސްނުމުގައި އެވެ. ޒާހިދު ގަދަ ނިދީގައި އޮތް އިރު ދަންވަރުގެ ވަގުތުތައް ޒޯޔާ ހޭދަކުރަމުން ގެންދިޔައީ އޭނާގެ ލޯބިވެރިޔާ ސިނާން އާއި އެކު ފޯނުގައި އެވެ.
ފަތިސް ހަނދުވަރުގެ އަލިކަން މުޅި ޢާލަމަށް މަރުޙަބާ ކިޔައިފި އެވެ. ހައިލަމް ފަތިސް ނަމާދު ކޮށްލައިގެން މީކާގެ ކޮޓަރި ބެލި އިރު ޒައިނަބު ފެންނާކަށް ނެތެވެ. ގިނަ ވަގުތުތަކެއް ގިސްލައި ރުއިމުގެ ސަބަބުން ހައިލަމްގެ މުޅި ހަށިިގަނޑަށް ވަނީ ބޮޑު ވަރުބަލި ކަމެއް ލިބިފައި އެވެ.
” ޒައި… ޒައި… ” ސިޓިންގރޫމާއި ބަދިގެ ބަލަމުން ހައިލަމް ގެންދިޔައީ ޒައިނަބަށް ގޮވަމުންނެވެ. ހައިލަމް ފަތިސް ނަމާދު ކުރަން އޭނާގެ ކޮޓަރިއަށް ވަތް އިރުވެސް ޒައިނަބު އިނީ މީކާގެ ކޮޓަރީގައި އެވެ. އެހެނަސް މިހާރު މުޅި ގެ ބެލި އިރުވެސް ޒައިނަބު ފެންނަން ނެތުމުން ހައިލަމްގެ ހިތުގެ ހަމަޖެހުން މުޅިން ގެއްލުނެވެ.
” އަނެއްކާ ކޮންތާކަށް ބާ އެ ދިޔައީ؟؟ ޒައި ޕްލީޒް… އަހަރެން ދެރަވާނެ ފަދަ ކަމެއް ނުކުރާތި… ޕްލީޒް.. ” ހައިލަމް އޭނާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކި އެވެ. ހައިލަމް ލަސް ނުކޮށް އަވަސްވެ ގަތީ ގެއިން ނިކުންނާށެވެ. ޒައިނަބުގެ ޚަބަރެއް ހޯދުމަށެވެ.
***
” މަންމާ… އަހަރެން މިދަނީ ދުވަން… ” ޓެނިސްގެ ނާޑުވާ އަޅުވަމުން ޒޯޔާ ގެއިން ނިކުންނަން ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފެއިބުމާއި އެކު ޒޯޔާ އޭނާގެ ފޯނު ނަގައި ސިނާނަށް ގުޅަން ޑައިލް ކޮށްލި އެވެ.
” ހަލޯ ސިނާން…. ކޮންތާކަށް ދާންވީ؟؟؟ ” ޒޯޔާ ހަމަޖެހުމުގެ ނޭވާ އެއް ދޫކޮށް ލަމުން ވާހަކަދެއްކި އެވެ.
” ހަމަ އެ ގެސްޓް ހައުސް އަށް…. ރޫމް ނަމްބަރ 110 ” ސިނާން އެހެން ބުނުމާއި އެކު ޒޯޔާ ޓެކްސީ އަށް އަރައި ދާން ވީ ތަން ޑްރައިވަރ ގާތުގައި ބުނެލި އެވެ.
ޓެކްސީ ގޮސް “ކަށިމާ ގެސްޓް ހައުސް” ކައިރިއަށް މަޑުކޮށްލުމުން ޑްރައިވަރ އަތަށް ރުފިޔާ ދިއްކޮށްލައި، ޒޯޔާ ގެސްޓް ހައުސްގެ ތެރެއަށް ވަދެގެން ދިޔަ އެވެ. ސިނާން ބުނި ރޫމް ނަމްބަރގެ ދޮރުގައި ޒޯޔާ ޓަކި ދިނުމާއި އެކު ލަސްތަކެއް ނުވެ ކުޑަކުޑަ ކޮށް އެތެރެއިން ދޮރު ހުޅުވައިލި އެވެ. ޒޯޔާ ކޮޓަރި ތެރެއަށް ދެމި ގަންނަމުން ދޮރުގެ ފުރަގަހުގައި ބޮކްސާ ކޮޅާއި ހުރި ސިނާން ފެނުމާއި އެކު ޒޯޔާ އިސްދަށަށް ބޯ ޖަހައިލުމާއި އެކު ލުއި ހީނލުމެއް އޭނާގެ ތުންފަތުން ފައުޅުވި އެވެ.
” އައްދޭ.. އައްދޭ.. ލަދު ގަންނަން ވެސް އެނގޭތަ؟؟؟ ” ސިނާން ގެ ނޭވާގެ ހޫނުކަން ޒޯޔާއަށް މެޙްސޫސް ކުރެވޭނެ ހާ ގާތް ވެލަމުން ސިނާން އޭނާގެ ދެލޯ މަރައިލި އެވެ. އިސާހިތަކު ޒޯޔާގެ އިޙުސާސްތަކުގައި މަސްތީ ރޯޅިތަކުން ހަނާ އަޅަން ފަށައިފި އެވެ. ޒޯޔާ ބަލާކަށް ނުހުރެ ސިނާންގެ ބޮކްސާ އޭނާގެ ހަށިގަނޑުން ވަކިކޮށްލި އެވެ.
މާލޭގެ އެކި ހިސާބުތަކުގައި ދުއްވަމުން ހައިލަމް ގެންދިޔަ އެވެ. ޒައިނަބުގެ އެއްވެސް ހިލަމެއް ނުވި އެވެ. ހައިލަމް ބިރުން ދާހިއްލަން ފަށައިފި އެވެ. ނޭވާ ކުރުވެ އަވަސް އަވަހަށް ހިތުގެ ހިނގުން ހަރަކާތް ކުރަން ފެށި އެވެ. ރަސްފަންނު ކައިރީގައި ސައިކަލް ޕާރކް ކޮށްލަމުން މުޅި އެތަން ހޯދާ ބަލަން ހައިލަމް ފެށި އެވެ. އިންތިހާ ހާސްކަމުގެ ތެރެއިން ހައިލަމް ގެ މުޅި ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.
” ޕޮލިސް.. “
ހައިލަމް ގެ ސިކުނޑި ތެރެއަަށް ކުއްލިއަކަށް ވެރިވި އެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ސައިކަލަށް އަރައި ޕޮލިސް ސްޓޭޝަންއަށް ދިޔުމަށް ހައިލަމް މިސްރާބު ޖެހި އެވެ.
***
ކޮޓަރީގައި އޭސީގެ ފިނި 16 ގައި ހުރި ކަމަކު ޒޯޔާ އާއި ސިނާނަށް އިޙުސާސް ކުރެވެމުން ދިޔައީ އަރާމު ކަމުން ފުރިގެންވާ ހޫނެކެވެ. ދެ ޖިސްމު އިންތިހާ އަށް އާދޭސް ކޮށް ސަލާން ޖަހަމުން ދިޔަ މަސްތީ އުފަލާއި އަރާމް ހޯދުމަށް އަވަދި ނެތި ދެ ހަށިގަނޑު ވެސް ދިޔައީ އެމުނިއެކުލެވެމުންނެވެ. މަސްތީ ކަނޑުގައި ނަގަމުން ދިޔަ އެދުންވެރި ކަމުގެ ރާޅުތަކަށް ހިމޭން ކަމެއް އައީ ސީދާ ޒޯޔާގެ ހަށިގަނޑުގެ އެތެރެއަށް ނޭނގި ހުރެ ޖެހި ބޮޑު ރާޅެއްގެ ފޮނުގަނޑަކުުންނެވެ.
” ސޮރީ ޒޯޔާ… ކޮންޓްރޯލް ނުވީ.. އައިމް ރިއަލީ ސޮރީ… ” ސިނާން ދިގު ފުން ނޭވާ އެއް ދޫކޮށްލަމުން ހާސްވެފައި ހުރެ ޒޯޔާއަށް ބަލައިލި އެވެ.
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ