"ސޭޓު" ކިޔުން ޖޯކަކަށް ވެއްޖެ: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ވާހަކަދައްކަވާއިރު "ސޭޓު" ނުވަތަ "މަހުޖަނު" ބޭނުންކުރައްވައިގެން ޖުމްހާރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާ މުހާތަބު ކުރައްވާފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ގާސިމް ވާހަކަދައްކަވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ވާހަކަދައްކަވާއިރު "ސޭޓު" ނުވަތަ "މަހުޖަނު" ފަދަ ބައްސަތައް އެމަނިކުފާނަށް ނިސްބަތް ކުރައްވާ ވަރަށް ގިނައިން މުޚާތަބު ކުރައްވާ ކަމަށެވެ.
ކޮންމެ ގައުމެއްވެސް ކުރި އަރާދަނީ އެ ގައުމެއްގައި ތަނަވަސް މީހުން ތިބެގެން ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ޓެކްސް ނެގޭނީ ތަނަވަސް އަދި ފައިދާވާ ކުންފުނިތައް ހުރެގެން ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އިރުއިރުކޮޅާ "ސޭޓު" ނުވަތަ "މަހުޖަނު" ކިޔަނީ މީހުންގެ ސިކުނޑިއަށް ކޮންއެއްޗެއް ވިސްނައިދެއްވަންތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
"އިރުކޮޅަކުން ސޭޓުންނޭ، މިވާހަކައެއް މިދައްކަނީ ކޮންކަމަކާ ހެދި ތޯއޭ އަޅުގަނޑުގެ ހިތައް އަރަނީ. ކޮންޗެއް އެޗީވް ނުވެގެންތޯ އޭ؟" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެގޮތަށް މުޚާތަބުކުރައްވާ ދައްކަވަމުން ގެންދަވާ ވާހަކަތައް މިހާރު ޖޯކަކަށް ވެފައިވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރުން 07 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން، ބަޣާވާތުގެ ވާހަކަ ދައްކަވާތީ ގާސިމް ވަނީ އެކަމަށްވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ ބޭރުގެ ފަނޑިޔާރުންނާއި މިނިވަން ބޭފުޅުން ގެނެސްގެސް އެކަން މިހާރު ނިންމާފައިވާ ކަމަށެވެ.
"ކިތަންމެ ވަރަކަށް ބަޣާވާތޭ ކިޔާ އަޅުގަނޑުމެން އެވާހަކަ ނަގަނަގާ ދެއްކިޔަސް އެޔެއް ދެން މި ގައުމަކު ނުހިނގާނެ. ބަޣާވާތަކަށް ނުވެސް ހެދޭނެ. އަޅުގަނޑު ހިތައް އަރަނީ މިބޭފުޅުން ބަޣާވާތް ދެނެވަޑައިގަންނަވާ ބާއޭ އަޅުގަނޑު ހިތައް އަރަނީ" ގާސިމް ވިދާޅުވި އެވެ.
ބަޣާވާތަކީ ސިޔާސީ މީހުން ކުރާ އެއްޗެއް ނޫން ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ. އިންކަމް ޓެކްސް ނެގުމާ ދެކޮޅަށް ގާސިމް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރެއްވި ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ގޮތް ވިސްނުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ