ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، ޖަޕާނުގެ ހީރޯޝީމާގެ މޭޔަރު މަޓްސޫއީ ކަޒޫމީއާއި ބައްދަލުކުރައްވައި ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް އަށް ޒިޔާރަތްކުރައްވައިފި އެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަގުބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވައިފަ އެވެ. އަދި، ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވި އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ޞުލްޙައަށް ތާއީދުކޮށް އަޑުއުފުލަމުންދާ ގައުމެކެވެ. އަދި، ޖަޕާނާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަމުންދާ ގައުމެކެވެ. މީގެ ތެރޭގައި ނިއުކްލިއަ ހަތިޔާރާއި އަދި އެހެނިހެން ފަނާކުރަނިވި އަދި ނުރައްކާތެރި ހަތިޔާރު އުފެއްދުމާއި، ބޭނުންކުރުމާއި ދެކޮޅަށް ޖަޕާން ފަދަ ގައުމުތަކުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އިން ދަނީ އެއްބާރުލުން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ