ކަމަދޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރެއް ގެންދިޔުމުގެ މަސައްކަތް ކުރަނީ

ބ. ކަމަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 250 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެރަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު އެރަށުން ކަރަންޓު ކެނޑެން ފަށާފައިވަނީ އިއްޔެ ދިމާވި މައްސަލަ ހައްލުކޮށްފައި ވަނިކޮށް ކަމަށެވެ. އިއްޔެ ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވީ، ރަށުގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދިޔަ 250 ކިލޯ ވޮޓުގެ އިންޖީނުގެ ބެޓެރި ފެއިލްވުމާ ގުޅިގެން ކަމަށެވެ.
ކަރަންޓުގެ ހިދުމަތް ދެމުން ގެންދިޔައީ އެކި ފީޑަރުތަކަށް ބަހާލައިގެން ކަމަށާއި އިއްޔެ ދިމާވި މައްސަލަ ހައްލުކުރުމަށް އިންޖީނިއަރެއް ފޮނުވައި މެންދުރު 12:00 ގެ ކުރިން އެމައްސަލަ މުޅިން ހައްލުކޮށް ކަރަންޓުގެ ހިދުމަތް އަލުން ވަނީ ދޭން ފަށާފައި ކަމަށް ފެނަކައިގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް މިއަދު ހެނދުނު 07:30 ހާއިރު އަނެއްކާވެސް އެއިންޖީނުގެ ބެޓެރި ގޮވައި ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނީ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ. އަދި 180 ކިލޯވޮޓުގެ ދެ އިންޖީނު ރަނިންގއަށް ގެނައުމަށާއި ޕެނަލްގެ ބްރޭކަރު ބަދަލުކުރުމަށް މުޅި ރަށުން ކަރަންޓު ކަނޑާލީ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމަސައްކަތް ނިންމުމަށްފަހު ގާތްގަނޑަކަށް މިއަދު 13:30 ހާއިރު އަލުން މުޅި ރަށަށް ވަނީ ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިކަަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން މިހާރު ކުރަމުންދާ މަސައްކަތަކީ ރަށުގެ ކަރަންޓު ޑިމާންޑް ބެލުމަށްފަހު 250 ކިލޯ ވޮޓުގެ ޖެނެރޭޓަރެއް ގެނައުމުގެ މަސައްކަތް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ