ބަންގްލަދޭޝް ރައްޔިތުން ރޭގަނޑު 12ގެ ފަހުން ގޭގައި ތިބެން އަންގައިފި

މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުން ރޭގަނޑު 12:00ގެ ފަހުން ދިރިއުޅޭ ތަނުން ބޭރަށް ނުނިކުތުމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ބަންގްލަދޭޝްގެ ހައިކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ހިނގާ ކަންކަން މީޑިއާތައް މެދުވެރިކޮށް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
މާލޭގެ އަމާންކަމެއް ނެތް ކަން ދޭހަވާ ފަދަ ގޮތަކަށް އިބާރާތް ކުރެވިފައިވާ ބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝް ރައްޔިތުންނަށް މިހާރަކަށް އައިސް ކުރިމަތިވާ ހަމަލާތަކާއި ލިބޭ ގެއްލުންތަކާއި އިންޒާރުގެ މެސެޖްތަކުގެ ސަބަބުން ބަންގްލަދޭޝް ރައްޔިތުންނަށް ބިރުވެރިކަމާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
ރެސްޓޯރަންޓްތަކާއި ހޮޓާތައް ފަދަ ތަންތަނުން ދިމާވާ ނުދަންދަ މީހުންނާ ދެބަސްވެ ޒުވާބުކޮށް ނުހެދުމަށާއި ގުރޫޕް ހަދައިގެން މާލެ ތެރޭގައި ނޫޅުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަންގްލަދޭޝް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ރިޕޯޓް ކުރުމަށް ހައިކޮމިޝަނުން މިހާރު ވަނީ ހާއްސަ ނަންބަރެއް ވެސް ގާއިމްކޮށްފަ އެވެ. އެގޮތުން ގާއިމްކޮށްފައިވާ ނަންބަރަކީ 3320859 އެވެ.
މާލޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުން ސަމާލުވުމަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި މާލޭގައި ވަނީ ބަންގްލަދޭޝް ރައްޔިތަކު އަނިޔާވެރި ގޮތަކަށް މަރާލާފަ އެވެ. އަދި ގޮތް ނޭގޭ ގޮތަކަށް ވެސް މިދިޔަ މަހުގެ ތެރޭގައި އއ. ތޮއްޑޫގައި ވަނީ ބިދޭސީ އަކު މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ