ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ

ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށިއްޖެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން، އިރުވައި މޫސުން އޮންނަނީ، ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ކަމަށެވެ. އަދި ހުޅަނގު މޫސުން އޮންނަނީ ގާތްގަނޑަކަށް މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. މޭ މަހުގެ ފުރަތަމަ ހަފްތާގައި ނުވަތަ ދެވަނަ ހަފްތާގައި ހުޅަނގު މޫސުމުގެ އަސަރުތައް ދެކުނަށް ފެންނަން ފަށާނެ ކަމަށާއި، އޭގެ ފަހުން، އެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ހުޅަނގު މޫސުން، ދެކުނުގެ އަތޮޅުތަކުން ފެށިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ހުޅަނގު މޫސުން ފެށުނުކަމަށް މެޓުން ބަލަނީ، ވަޔާއި ވާރޭގެ މިންގަނޑު ތަކުންނެވެ. އެގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެކުނަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެވެސް ގިނައިން ވާރޭ ވެހުނު ކަމަށާއި ޖެހިޖެހިގެން ދެ ދުވަހު އެފަދައިން ދެމިގެން ދިޔަ ކަމަށް މެޓް އޮފީހުން ބުންޏެވެ. ވައި ޖެހުމަށް ބަލާއިރުވެސް، ޖެހިޖެހިގެން ދެ ދުވަހު ނުވަތަ އެއަށްވުރެ އިތުރަށް ދެމިގެންދާ ގޮތަށް، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރަށް ވައި ޖެހުނު ކަމަށް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން މިއަދު ހެނދުނު ވަނީ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލުގައި ވާގޮތުން، ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، މިއަދު މެންދުރާ ހަމައަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ