ހަރުކަށި ހިންދޫން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ފަހަތުގައިވަނީ ބީޖޭޕީ: މުސްލިމުން

ނިއުދިއްލީ (18 އެޕްރީލް 2022): އިންޑިއާގައި ބީޖޭޕީގެ ވެރިކަން އޮންނަ ތިން ސްޓޭޓެއްގައި ހިންދޫންގެ ހައްދު ފަހަނަޅާފައިވާ ބަޔަކު އެސްޓޭޓްތަކުގެ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާތަކާއި ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އިންޑިއާގެ ބައިމަދު މުސްލިމުން ވެރިރަށް ނިއުދިއްލީގައި ކުރި މުޒާހަރާއަކަށް ހަރުކަށި ހިންދޫންނާއި ފުލުހުން ހުރަސް އަޅައިފިއެވެ. ދިއްލީގެ ފުލުހުން ބުނާގޮތުން މުޒާހަރާ ރޫޅާލަންޖެހުނީ މުޒާހަރާކުރި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހަމަނުޖެހުން ހިނގަންފެށުމުންނެވެ. ދިއްލީގެ ޖަހާންގީރުޕޫރީ ނަމަކަށްކިޔާ އަވަށުގައި މުޒާހަރާކުރި މުސްލިމުންވަނީ ބީޖޭޕީގެ ވެރިކަމުގައި އިންޑިއާގެ ބައިމަދު މުސްލިމުންގެ ނަސްލު އިންޑިއާއިން ނައްތާލުމަށް ހަރުކަށި ހިންދޫން ފާޅުގައި ގޮވާލަމުން ގެންދާއިރު ވެރިކަންކުރާ ބީޖޭޕީން އެކަމަށް ހިތްވަރު ދޭކަމަށް ބުނެ މުސްލިމުން ހިމާޔަތް ކުރުމަށް ގޮވާލާ ޝިޢާރުތައް އުފުލާފައެވެ. އިންޑިއާގެ މުސްލިމުން އެމީހުންގެ ދިރިއުޅުމާއި ފުރާނައާމެދު ކަންބޮޑުވެ މަގުތަކަށް ނުކުންނަމުން މިދަނީ މުސްލިމުންގެ ނަސްލު ނައްތާލަން ހަރުކަށި ހިންދޫން ފާޅުގައި ގޮވާލަމުން ގެންދާއިރު މަދްޔަޕްރަދޭޝް، ގުޖުރާތު އަދި އުއްތުރަ ޕްރަދޭޝްގައި ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އެސްޓޭޓްތަކުގެ ފުލުހުން މަސައްކަތް ނުކޮށް ހަރުކަށި ހިންދޫންނަށް ހިތްވަރުދެމުން ގެންދިޔުމާ ގުޅިގެންނެވެ. އިންޑިއާގެ މުސްލިމުން ހައްގުތަކަށް ގޮވާލައި މުޒާހަރާކުރަނީ މަދްޔަ ޕްރަދޭޝްއަށް ބަލާއިރު މުސްލިމުން ކަންބޮޑުވެފައިވަނީ އެސްޓޭޓްގައި ކުރިއަށްދިޔަ ހިންދޫންގެ ރާމްނަވަމީ އީދުގެ ހަރަކާތްތަކުގެ ތެރޭގައި މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ކުރިމަތިލުމަކަށްފަހު އެ ސްޓޭޓުގެ ފުލުހުން އެހަމަނުޖެހުމުގައި ބައިވެރިވި ހިންދޫންނަށް ފިޔަވަޅު ނާޅައި ހަމައެކަނި މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ގޮތަކަށް ފިޔަވަޅު އެޅުމާ ގުޅިގެންނެވެ. ގުޖުރާތަށް ބަލާއިރު އެސްޓޭޓްގެ ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މީހަކު މަރުވުމުން އެ ސްޓޭޓުގައި ވެރިކަންކުރާ ބީޖޭޕީގެ ސަރުކާރުން ވަނީ ހަމަނުޖެހުމުގައި ބައިވެރިވި ހިންދޫންނަށް ފިޔަވަޅު ނާޅާއި އެހަމަނުޖެހުމުގައި ބައިވެރިވި ކަމަށްބުނާ މުސްލިމުންގެ އެތައް ބަޔަކު ހައްޔަރުކޮށް ގެދޮރަށާއި އެމީހުންގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މީގެ އިތުރުން ބީޖޭޕީގެ ވެރިކަމެއް އޮންނަ އުއްތުރަ ޕްރަދޭޝްގައި ހަރުކަށި ހިންދޫންގެ ބަޔަކުވަނީ ހިންދޫ އަންހެނަކާ ކައިވެނިކުރި މުސްލިމް ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއްކޮށް އޭނާގެ ގޭގައި ހުޅުޖަހައި މުޅި ގެ އަންދާލާފައެވެ. ނަމަވެސް މިޖަރީމާ ހިންގި ހަރުކަށި ހިންދޫންނަށް އެސްޓޭޓްގެ ސަރުކާރުންވެސް އަދި އެސްޓޭޓްގެ ފުލުހުންވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. މިކަންކަމާ ދެކޮޅަށް ނިއުދިއްލީގެ ޖަހާންގީރުޕޫރީގައި މުސްލިމުން އިއްޔެ ކުރިމުޒާހަރާއަށްވެސް ހުރަސްއަޅައި ހަރުކަށި ހިންދޫން ވަނީ މުޒާހަރާކުރި މުސްލިމުންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ. ހަރުކަށި ހިންދޫން މާރާމާރީ ހިންގީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތާ ދެކޮޅަށް މުޒާހަރާކުރި މީހުން އަޑުއުފުލުމުންނެވެ. އިންޑިއާގެ މުސްލިމުން ބުނާގޮތުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި ހަރުކަށި ވިސްނުމުގެ ހިންދޫން މުސްލިމުންނަށް ހަމަލާދީ އަނިޔާކޮށް މުސްލިމުން މަރައި މުސްލިމުންގެ ގެދޮރާއި ވިޔަފާރިތައް ހަލާކުކޮށް ބުރުގާއެޅުން މަނާކުރުންފަދަ ހަރުކަށި އަމަލުތައް ހިންގަނީ މޯދީގެ ސަރުކާރުން އެކަމަށް ސީދާ ގޮތެއްގައި ހިތްވަރުދޭތީއާއި އެޖަރީމާތައް ހިންގާ ހިންދޫންނާ ދެކޮޅަށް އެއްވެސް ވަރަކަށް ފިޔަވަޅު ނާޅާތީއެވެ. މޯދީއަކީ އިންޑިއާގެ އެހެން ދީންތަކާއި އެހެން ނަސްލުތަކުގެ މީހުންނަށްވުރެ ހިންދޫން މާމަތިވެރި ބައެއްކަމަށް ދެކޭ ހިންދޫ ހައްދުފަހަނަޅާފައިވާ ފިކުރު ކަމަށްވާ "ރަސްތިޔާ ސްވެޔަމް ސެވަކް ސަންހް" (އާރުއެސްއެސް) ފިކުރުގެ ބޭފުޅެކެވެ. އިންޑިއާގެ އިދިކޮޅު ޕާޓީތައްވެސް ބުނާގޮތުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅައި އިންޑިއާގެ އެކި ދީންތަކުގެ މީހުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ހަމަޖެހުމާއި ސުލްހަ ނަގާލައި މަސްރަހު ހޫނުކޮށް ހަމަނުޖެހުން އުފައްދަނީ ވެރިކަންކުރާ ބީޖޭޕީންނެވެ. މިގޮތުން މަދްޔަޕްރަދޭޝް، ގުޖުރާތު އަދި އުއްތުރަ ޕްރަދޭޝްގައި ހަރުކަށި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގުމުގެ ފަހަތުގައިވަނީ ބީޖޭޕީއަށް ނިސްބަތްވާ އެސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތައްކަމަށް ބުނެ އިންޑިއާގެ އިދިކޮޅު ތޭރަ ޕާޓީއަކުންވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ