އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ނަޝީދު ބެހެއްޓުން ހުއްދައެއް ނުވާނެ: ޑރ. އިޔާޒް
އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ބެހެއްޓުމަކީ އެއްވެސް ހާލެއްގައި ހުއްދަވެގެންވާނެ ކަމެއް ނޫން ކަމަށް، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާތަން ފެންނަ ހަތަރު ފޮޓޯ، ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން ޑރ. އިޔާޒް މިއަދު 'ސަން' އަށް ވިދާޅުވީ މުޖުތަމައުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެއްކެއް ނެތި ޒިނޭގެ ތުހުމަތުކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. ޚާއްސަކޮށް ދައުލަތުގެ ތިން ބާރުގެ ވެރިން ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. އަދި އަދުލުއިންސާފު ގާއިމު ކުރުމުގައި ބޮޑެއް، ކުޑައެއް، ގާތެއް، ދުރެއް ބެލުމެއް ނެތި އެކަމުގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ޑރ. އިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ފާސިގެއްގެ ދަރަޖައަށް ދިޔައީމާ އެ މީހެއްގެ ހެކިބަސް ގަބޫލެއް ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދު މިހިނދުން މިހިނދަށް އަޒުލުކޮށް ގެއަށް ފޮނުވާލަން ޖެހޭނެ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ. "މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިފިނަމަ އޭނަ ޖެހޭނެ ހަތަރު ހެކިން ދައްކަން. ހެކި ނުދައްކައިފިނަމަ އެ މީހާގެ ގައިގައި ގަޒްފުގެ ހައްދު 80 އެތިފަހަރުން ޖަހަން ޖެހޭނެ. އަދި އޭނާ އަކީ ފާސިގެއް ކަމަށާއި އޭނާ ތައުބާވުމާ ހަމައަށް އޭނާގެ ހެކިބަސް ގަބޫލުނުކުރުމަށް ކީރިތި ގުރުއާނުގައި ﷲ އަންގަވާފައިވަނީ." ޑރ. އިޔާޒް ވިދާޅުވިއެވެ. ޑރ. އިޔާޒް ވިދާޅުވީ ފާތުމަތުގެފާނު ވައްކަން ކުރި ނަމަވެސް އެކަމަނާގެ އަތް ކަނޑުއްވާނެ ކަމަށް ރަސޫލާ ޙަދީޘް ކުރައްވާފައިވާ ކަމަށެވެ. އެކަމަނާއަކީ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ އެކަލޭގެފާނުގެ ދެލޮލުގެ ފިނިކަންކަމުގައިވާ އަމިއްލަ އަންހެން ދަރިކަނބަލުންނަށް ވީހިނދު އެކަމަނާ ވެސް އެފަދަ ކުށެއް ކޮށްފި ކަމަށް ވަނީނަމަ އެންމެންގެ ހަމަޖެހުމަށްޓަކައި އަދި އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއް ކުރައްވާނެ ކަމަށް ޙަދީޘް ކުރައްވާފައިވާ ކަމަށެވެ. "މި ޙަދީޘުން ވެސް އަޅުގަނޑުމެންނަށް ސާފުކޮށް އެނގިގެންދޭ އިންސާފު ގާއިމްކުރުމަށްޓަކައި ވަކި މީހަކަށް ވީތީ ހުކުމް ގާއިމް ނުކޮށް އެހެން މީހަކަށް ވީތީ ހުކުމް ގާއިމް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން." ޑރ. އިޔާޒް ވިދާޅުވިއެވެ. ކުރީގެ އުންމަތްތަކުގެ މީހުން ހަލާކުވެގެން ދިޔައީ އެމީހުންގެ ތެރެއިން ޝަރަފުވެރިޔަކު ވައްކަންކޮށްފި ކަމުގައި ވަނީނަމަ އެ މީހަކު ދޫކޮށްލާތީ ކަން ފާހަގަކުރައްވާ ޑރ. އިޔާޒް ވިދާޅުވީ އެކަމަކު ނިކަމެއްޗަކު ވައްކަންކޮށްފި ކަމުގައި ވަނީނަމަ އެ މީހެއްގެ އަތް ކަނޑާ ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވީ މިއަދު މިފެންނަނީ އެކަހަލަ މަންޒަރެއް ކަމަށެވެ. އެގޮތުން އާދައިގެ ނިކަމެއްޗަކު ރިހާކުރު ފުޅިއެއް ވަގަށްނަގައިފިނަމަ އޭނާގެ މައްޗަށް ހުކުމް އަންނަކަމަށާ ބޮޑުންގެ މީހަކު ވައްކަންކޮށްފިނަމަ އެކަން ބެލޭނެ ގޮތެއް ވެސް އަދި އެކަން ސާބިތެއް ކުރެވޭނެ ގޮތެއްވެސް ނޯންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޒިނޭގެ ތުހުމަތުތަކާއި އަދި އެނޫން ވެސް އެކަލަ ހަޑިހުތުރު އިލްޒާމްތައް އަޅުވަމުންދާއިރު އެކަންތައްތައް މަނާކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ. ޑރ. އިޔާޒް ވިދާޅުވީ އެކަމާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތަށް އެ މުއައްސަސާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ. "އަޅުގަނޑަށް އެނގޭ އެކަމުގައި ފުލުހުންނަށް ކުރިމަތިވާނެ ހުރަސްތައް. ވަރަށް އުނދަގޫ ކަންތައްތައް އެމީހުންނަށް ކުރިމަތިވާނެ. ދުއިސައްތަ ފަންސާހެއްހާ ވީޑިއޯ އުޅޭއިރު އަޅުގަނޑު ގަބޫލުކުރަން އޭގެތެރޭގައި ފުލުހުންގެ އާއިލާގެ މީހުން ވެސް ހިމެނޭނެކަން." ޑރ. އިޔާޒް ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް ގުރުބާންކޮށް މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ފުލުހުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރާ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ