ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި އޮންލައިން ދިޔަ ގޮތް ސާފުކޮށްދޭން އެދިއްޖެ

ހަވީރު މީޑިއާ ގްރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔަ ގޮތް ސާފުކޮށްދިނުމަށް ހަވީރު މައްސަލާގައި މިއަދު ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރީއަތުން އެދިއްޖެ އެވެ. ހަވީރު ނޫހުގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަން އަދި ހ. ޓައިމްލެސް މުހައްމަދު ނައީމް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ހަވީރުގެ މިލްކުވެރިކަމާ މެދު ހައިކޯޓުން މައްސަލަ ނިންމައި ކޮށްފައިވާ ހުކުމާއި ގުޅިގެން ހަވީރަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ ތަފްސީލު ސާފުކުރުމަށާއި ހިއްސާދާރުންނަށް ހައްގުވާ ލިބިފައިވާ ސާފު ފައިދާގެ ބައި ކޯޓު މެދުވެރިކޮށް ހޯދުމަށެވެ. އެމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހަވީރު މީޑިއާ ގުރޫޕޫންނާއި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހ. ޓައިމްލެން މުހައްމަދު ނައީމް ވަނީ ތަދައްހުލުވެފަ އެވެ. ހަވީރު މީޑިއާ ގުރޫޕުން މައްސަލާގައި ތަދައްހުލުވަމުން ބުނެފައި ވަނީ ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕުގެ އެއްޗެއް ކަމަށެވެ. އަދި އެއްވެސް ޝަރުއީ ކޯޓަކުން ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ތަކެތި ނޫންކަމަށް ނިންމާފައި ނުވާ ކަމަށް ހަވީރު މީޑިއާ ގުރޫޕުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ބުނެފަ އެވެ. މައްސަލާގައި ނައީމް ތަދައްހުލުވެފައި ވަނީ ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި ހަވީރު ނޫސް އެޖެންސީއަކީ އެބޭފުޅާގެ ހިއްސާ އޮންނަ ތަނެއް ކަމަށް ބުނެފައިވާތީ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހަވީރު ނޫހާއި ހަވީރު އޮންލައިނަކީ ހަވީރު މީޑިއާ ގްރޫޕުގެ ދަށުން ހިންގާ ދެ ނޫސް ކަމަށް ވަކީލު އަޙްމަދު މުއިއްޒު ވިދާޅުވުމުން ގަޒީ ވިދާޅުވީ މައްސަލައަކީ މިލްކުވެރިކަން ސާބިތު ކުރުމަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމުން އެވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ހަވީރު މީޑިއާ ގުރޫޕުގެ ދަށަށް ހަވީރު ނޫހާއި ހަވީރު އޮންލައިން ދިޔައީ ކިހިނެތޯ ސާފުކޮށްދިނުމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެއަށް ޖަވާބުދާރީވުމަށް ކޯޓުން ވަނީ ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. ހަވީރު ނޫހުގެ ތިން ހިއްސާދާރުންނާއި ޒާހިރު ހުސައިންގެ ފަރާތުން ވަކީލު ހުސްނުއްސުއޫދު ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެއީ ހަވީރު ނޫހާއި އޮންލައިނާ ބެހޭ ގޮތުން އަދި ހަވީރުގެ މުވައްޒަފުންނާ ބެހޭ މައުލޫމާތުތަކާ ގުޅޭ ސުވާލުތަކެވެ. އެސުވާލުތަކަށް ތިން ހިއްސާދާރުންގެ ފަރާތުން ވަކީލު އަބްދުﷲ ނަސީރު ވިދަޅުވީ އެމައުލޫމާތަކީ ހަމައެކަނި ޑރ. ޒާހިރު ހުސައިން އަށް އެނގޭ މައުލޫމާތު ކަމަށެވެ. އަދި އެމައުލޫމާތު ތިން ހިއްސާދާރުންގެ ފަރާތުން މި މައްސަލާގައި ސާފުކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ނަސީރު ވަނީ ވިދާޅުވެފަ އެވެ. ހަވީރުގެ ހަތަރު ހިއްސާދާރުން މަޝްވަރާކުރުމަށް ފަހު ހަވީރު އޮޑިޓްކުރުމާ މެދު ގޮތެއް ނިންމުމަށް ގަޒީ ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތުން އޮޑިޓްކުރާނެ އޮޑިޓް ފާމަކާ އެކު ޝަރީއަތަށް ހުށަހެޅުމަށް ގާޒީ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމާމެދު ގޮތެއް ކަނޑަނާޅައިފި ނަމަ ދެން އަންނަ ޝަރީއަތުގެ މަޖިލީހުގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނުކޮށްފަ އެވެ. ހަވީރު ނޫސް އެޖެންސީއަކީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން އަމިއްލަ އަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމް ރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ. ހަވީރު ނޫހުގެ މިލްކިއްޔާތާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ކުރުމަށް ޑރ. ޒާހިރު ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ