މައުމޫން މިނިވަންކުރުމަށް ދުންޔާ ގޮވާލައްވައިފި

ވެރިކަން ވައްޓާލުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ފުރަތަމަ ފަހަރަށް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިނިވަންކުރުމަށް ދުންޔާ މައުމޫން ގޮވާލެއްވީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގަ އެވެ. ދުންޔާ ވިދާޅުވީ އޭނާގެ ބައްޕަ އަދި "މިގައުމުގެވެސް ބައްޕަ ރައީސް މައުމޫން" މިނިވަންކޮށް ގެއަށް ގެނެސްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
މީގެ އިތުރުން ދުންޔާ ވަނީ އާއިލާއަށާއި ގާނޫނީ ވަކީލުންނަށް މައުމޫނާއި ބައްދަލު ކުރުމުގެ އިންތިޒާމް ފަހިކޮށްދިނުމާއެކު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުގެ ކިބައިން އެދިފައެވެ.
މައުމޫން ހައްޔަރުކުރި ފަހުން ދުންޔާ މައުމޫން ވަނީ އެކަމަނާގެ ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި ބައްޕަގެ ހާލަތާ މެދު ކަންބޮޑުވުވެވަޑައިގަންނަވާ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ