މަރުގެ ހުކުމް ކޯޓުން ބަދަލު ނުކުރާހާ ހިނދަކު ތަންފީޒުކުރާނަން- އުމަރު


ދިވެހިރާއްޖޭގައި މަރުގެ ހުކުމް ފަދަ ހުކުމެއް ތަންފީޒުކުރުމަށް އަމުރު ކޮށްފައިވާނީ ޝަރުޢީ ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވުމުން ކަމަށާއި، އެ ހުކުމް ކޯޓުން ބަދަލު ނުކުރާހާ ހިނދަކު، ހުކުމްތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
 
މިއަދު އެއްބީސީ ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ  ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ ބާރު ލިބިގެންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ކަމަށާއި، ކޯޓުތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެކަމަށެވެ.
 
މިނިސްޓަރ ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ އަމުރު ނެރުމާއެކު އިންސާނީ ހައްގުތައް ރައްކާތެރި ކުރާ ބައިނަލް އަޤްވާމީ ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުންތައްހުރި ނަމަވެސް، އިސްލާމީ ޝަރީއާ ކޮންމެ ޙާލަތެއްގައިވެސް ޤާއިމް ކުރަން ޖެހޭނެކަމަށެވެ. އަދި މިފަދަ ބޮޑެތި ހުކުމްތައް ލުއިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށާއި، ރައީސް އެފަދަ ގޮތަކަށް ނިންމަވައިފިނަމަ ރައީސުލްޖުމުހޫރިއްޔާގެ ނިންމުމަކާ ދެކޮޅު ނުހަދާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
 
ދިވެހިރާއްޖެ މިހާރު އޮތް ގޮތަށް ބަލާއިރު މަރުގެ ހުކުމް ފަދަ ބޮޑު ހުކުމެއް ތަންފީޒުކުރުމަކީ ކުރުން ރަނގަޅުކަމެއް ނޫންކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި މީހުން މެރުން ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އިސްލާމީ ޝަރީޢާގައި ކަނޑައަޅުއްވާފައިވާ މަރަށް މަރުހިފުމުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލުންތައްދަނީ އިތުރުވަމުންނެވެ.
ހޯމް މިނިސްޓަރ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރަންދެން މަޑުނުކުރައްވާނެކަމަށާއި ސުޕްރީމް ކޯޓުން އެމައްސަލައެއް ނިންމާގޮތަކަށް ސަރުކާރުން ހުކުމް ތަންފީޒުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ.
 
ކްރިމިނަލް ކޯޓުން މިހާތަނަށްވަނީ 18 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. އަދި ޖުވެނައިލް ކޯޓުންވެސް ދެކުއްޖެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވެއެވެ.
 
މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ޑރ އަފްރާޝީމް އަލީ އަވަހާރަކޮލި ހުސެއިން ހުމާމުގެ މައްސަލަ ފިޔަވާ އެހެން ހުރިހާ މައްސަލައެއްވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ