ފުލުހުން މެދުވެރިކޮށް ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން- ކަރެކްޝަންސް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުއްދަތުގައި އޭނާ ރާއްޖެ އައިސްފައިނުވާތީ، ގާސިމް ފިއްލެވީކަމަށް ބަލައި ރާއްޖެ ގެނެސްދިނުމަށް އެދި ފުލުހުންނަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކަރެޝަނަލް ސާވިސްއިން ބުނެފިއެވެ.ގާސިމްގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތާއި ގުޅޭގޮތުން ޗެނަލްތާޓީންއަށް މައުލޫމާތު ދެއްވަމުން ކަރެޝަނަލް ސާވިސްގެ މީޑިއާ އޮފިސަރ އަހުމަދު ލުގުމާން ވިދާޅުވި ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާފައިވާ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވެފައިވާކަމަށެވެ. ގާސިމަށް ދެ ފަހަރަށް ދިން މުއްދަތު ހަމަވުމުން، ހަފުތާއެއް އިތުރުކޮށްދިނީ ރާއްޖެ ވަޑައިގަތުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށްކަމަށާއި، ނަމަވެސް އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ވެސް އޭނާ ރާއްޖެ ވަޑައިނުގަތުމުން އޮންނަ އުސޫލުގެ ދަށުން ހޯދަން ފުލުހުންނަށް ހުށަހަޅާނެ ކަމަށް ލުގުމާން ވިދާޅުވިއެވެ. ގާސިމްގެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދިނުމާއި ގުޅިގެން ސިންގަޕޫރުން ބޭސްފަރުވާކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ގާސިމަށް ދީފައިވަނީ ދިހަދުވަހުގެ މުއްދަތެކެވެ. އޭގެފަހުން ދެފަހަރެއްގެ މަތިން ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް މުއްދަތު އިތުރުކޮށްފައިވެއެވެ. ގާސިމް އިބްރާހިމްގެ ބޭސްފަރުވާ އަށް ދިން މުއްދަތު ހަމަވެފައިވާއިރު ސިންގަޕޫރުގެ އިމިގްރޭޝަން ގާނޫނުގައިވާ ގޮތުން އެގައުމަށް ގަވާއިދާ ޚިލާފަށް އެތެރެވާ މީހުންނާއި އަދި ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތުހަމަވެ ދިގުމުއްދަތަށް އުޅޭ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅައެވެ. އެގޮތުން ހަމަހަށްވުރެ ދިގުމުއްދަތަށް ޖަލަށްލުމުގެ އިތުރުން ގަވާއިދާ ޚިލާފަށް އެގައުމުން ފުރަން މަސައްކަތްކޮށްފިނަމަ ދެހާސް ޑޮލަރުން އެމީހަކު ޖޫރިމަނާ ކުރުމާއި، ހަމަހުގެ ޖަލުހުކުމެއް އިއްވުން ހިމެނޭ. އަދި ބައެއް ހާލަތްތަކުގެ ޖޫރީމަނާއާއެކު ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެ ކަމަށްވެސް އެގާނޫނުގައިވެއެެވެ.ގާސިމް އިބްރާހިމް ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ އޭނާ ރިޝްވަތު ދޭން އުޅުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެން. އޭނާގެ މައްޗަށް މިކުއްސާބިތުވެ ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުގައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ