ހުކުމް ތަންފީޒު ކުރަން ހުރަހެއް ނެތަސް އެފަރާތްތަކާއި މެދު އިތުރު ޝަރީޢަތެއްވާނަމަ ކުރުމުގެ ފުރުސަތު ޕީޖީ އަށް އެބައޮތް – ސުޕްރީމް ކޯޓް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމު ކޯޓުން ނެރުނު ޙުކުމް ތަންފީޒު ކުރުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ނަމަވެސް އެއިން އެއްވެސް ބޭފުޅާކާއިގެން ކުރަން އިތުރު ޝަރީޢަތެއްވާނަމަ އެ ޝަރީޢަތެއް ޤާނޫނީ ހަމަތަކުގެ މަތިން ކުރުމުގެ އިޚްތިޔާރު ޕްރޮސެކިއުޓަރ ޖެނެރަލް އަށް ލިބިގެންވާ ކަމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވީ އެ ކޯޓުން އަމުރާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފާހަގަ ކުރެވޭ ކަންތައްތައް ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައެވެ. ޕީޖީގެ ހުށަހެޅުމުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައި ހިމެނޭ ކަންކަމުގެ ތެރެއިން ވަކިވަކިން ބައްލަވަން ޕީޖީ އަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވާފައިވެއެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެ އަމުރު ތަންފީޒު ކުރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ދައުލަތުގެ މައްޗަށް ނެތްކަމަށެވެ. އަދި އަމުރުގައިވާ ގޮތުން މަތިން އަލުން ޝަރީއަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީއަތް ހިންގުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޕީޖީ އަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ