ރާއްޖެ ވަޑައިގަތުމާއެކު މެމްބަރު ސިނާނާއި އިލްހާމް ހައްޔަރުކޮށްފި

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، މިއަދު ރާއްޖެ ވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ފުލުހުން ހައްޔަރުކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން އެ ދެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ، ރިޝްވަތުގެ ތުހުމަތުގައި އެ ދެ ބޭފުޅުން ހޯދަން މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން އިއުލާނުކޮށްފައި ވަނިކޮށެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިނާން އާއި އިލްހާމް އުޅުއްވާ ވަކި ތަނެއް ނޭނގި މި ވަގުތު ރާއްޖެ އިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ވަނީ ހަވާލުނުކުރެވި ކަމަށެވެ. އެހެންވެ މިިދިޔަ ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވުމަށް މުހުލަތެއް ދީފައިވެ އެވެ.
އިލްހާމާއި ސިނާން ފުލުހަށް ހާޒިރުކުރަނީ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ކުރިން ރައީސް ޔާމީނާ އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމާއި ސިނާނަކީ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. ނަމަވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
އިލްހާމް ކުރިން ވަނީ ފުލުހުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވުމަށްޓަކައި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
Ilham aai Sinan hoadhan fuluhun iulaan koffi
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ