ކިތަންމެ އަނިޔާއެއް ދިން ނަމަވެސް އިސްލާހީ މަސައްކަތުގައި ފަހަތަކަށް ނުޖެހޭނަން: ގާސިމް

ކިތަންމެ އަނިޔާއަކާއި ތަކުލީފެއް ޖެއްސި ކަމުގައިވީ ނަމަވެސް އަޒުމަކީ އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި އިޚްލާސްތެރިކަމާއެކު ރައްޔިތުންނާއެކު ހުންނެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ އާ އަހަރުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގަ އެވެ.
ޖަރުމަނުވިލާތުގައި ހުންނަވައިގެން ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި ގާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ މީހެއްގެވެސް ހަޔާތުން އަހަރެއް ނިމި އާ އަހަރެއް ފަށާއިރު އާ އުންމީދުތަކެއް ހުންނާނެ ކަމަށެވެ.
އެގޮތުން މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށް ވާނީ ސިޔާސީ، އިޖުތިމާއީ، އިގްތިސާދީ އަދި ޚާރިޖީ ދާއިރާގައި ރާއްޖެ މިއަދު ތަޖުރިބާ ކުރަމުންދާ ނުތަނަވަސް އަޑިގަނޑުން އަވަސް ފުރުސަތެއްގައި އަރައިގަނެ އަނިޔާ ލިބެމުންދާ ކޮންމެ އާއިލާއެއްގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް ހުއްޓުވުން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާންކުރާ ފަރުދުންގެ އަސާސީ ހައްގުތައް ކޮންމެ މީހަކަށްވެސް ކަށަވަރުވެ ކޮންމެ ރައްޔިތަކަށްވެސް އަދުލުއިންސާފުގެ ޔަގީންކަން ލިބުން ކަށަވަރުވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައްޔިތުންގެ އެދުމަކީ ދީނީ ހިޔާލުތަފާތު ކުރުންތައް ނެތް އިސްލާމީ އަގީދާގެ ސާބިތުކަން މަތީގައި ތިބެ އަމާންކަން ގާއިމުވެފައިވާ ހިތްފަސޭހަ ވެއްޓަކަށް ދިވެހިރާއްޖެ ވުން ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބެންޖެހޭ ހައްގުތައް އަވަސް ފުރުސަތެއްގައި ލިބިދެވޭ އިތުބާރުހުރި ޒަމާނީ ހިންގުމުގެ ނިޒާމެއް ގާއިމްވެފައިވާ ތަނަކަށް ރާއްޖެވުން ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒަމާނީ ތައުލީމުގެ ފުރުސަތުތައް ފަހި އިތުބާރުހުރި ފުރިހަމަ ސިއްހީ ނިޒާމެއްގެ ފަސޭހަކަން ލިބޭ އަދި ނާޖާއިޒު ފައިދާތަކުގެ އަޅުންނަށް ދިވެހިން ވުމަށް މަޖުބޫރު ނުކުރާ ހަރުދަނާ ޖީލެއް ބޮޑެތިވާ ތަނަކަށް ރާއްޖެވުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ.
ނަސީބު ކަންދިމާކުރި ގޮތުން ރާއްޖެއާއި ކިތަންމެ ދުރެއްގައި ހުންނަވަން ޖެހުނު ނަމަވެސް ދިވެހިންގެ އުއްމީދުތަކާ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ކައިރީގައި ހުންނެވި ކަމުގައި ވެސް ގާސިމް އިބްރާހިމްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރަކީ ރައްޔިތުންގެ އުއްމީދުތައް ހާސިލު ކުރުމަށް ވަރަށް މުހިއްމު އަހަރެއް ކަމަށާއި މީގެ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި ރައްޔިތުން ތައްޔާރުވުމަށް ވެސް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ