ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހަނގުރާމަކުރި އަބްތާލުންގެ ޒިކުރާ އާކުރަން: ރައީސް މައުމޫން

ދިވެހިރާއްޖޭގެ މިނިވަންކަމާާއި އިސްތިގުލާލަށް ޓަކައި ހަނގުރާމަކުރެއްވި އެންމެހާ އަބްތާލުންގެ ޒިކުރާ އާކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިއަހަރުގެ ގައުމީ ދުވަހަކީ ހާއްސަ ދުވަހެއް ކަމަށެވެ.
އެއީ އެއިރު ދައުލަތާ ހަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނު، ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަސް ކަމަށް ކަނޑައެޅުއްވި ފަހުން މިއަހަރަކީ 75 އަހަރު ފުރޭ އަހަރު ކަމަށް ވާތީ ކަމަށް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ދުވަހެއް ފާހަގަ ކުރީ ހަތަރެއް ފެބްރުއަރީ 1946 ވަނަ އަހަރުގައި ކަމަށެވެ. އަދި އެ ތާރީހަކީ ރާއްޖެ ހިމެނޭ ސަރަހައްދުގެ އެހެން ގައުމުތަކަށް މިނިވަންލިބި ގައުމީ ދުވަސް ފާހަގަކުރަން ފެށުމުގެ ކުރީގެ ތާރީހެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މައުމޫން މިވަގުތު މެލޭޝިއާގައި ހުންނެވިއިރު އެމަނިކުފާނު ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް މިއަދު ފޮނުއްވަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ