ފިނިފެންމާ ލޯންޗުގެ ހާދިސާ ކައްޗާ ދުއްވަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ: އުމަރު

ފިނިފެންމާ ލޯންޗުގެ ހާދިސާއަކީ ކުރީގެ ނައިބުގެ ރައީސް އަހުމަދު އަދީބު ރާވައިގެން ކުރިކަމެއް ކަަމަށާ އެކަން ކައްޗާ ދުއްވަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.ޗެނެލް 13 އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އުމަރު ނަސީރު ވިދާޅުވީ، ފިނިފެންމާ ލޯންޗު ގޮއްވާލި ޙާދިސާއަކީ، އަދީބު ރާވައިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަވަހާރަކޮށްލުމަށްފަހު ދިވެހިރާއްޖޭގެ ވެރިކަން އޭނާގެ އަތްމައްޗަށް ނެގުމަށްޓަކައި ހިންގި ބޮޑު ޖަރީމާއެއް ކަަމަށެވެ. އެހެންކަމުން އަދީބުއަށް އެކަމުގެ ހައްޤު އަދަބު ލިބެން ޖެހޭނެ ކަމަށާ ބަޔަކަށް ފައިސާ ދީގެން އެ ހާދިސާގެ ވާހަކަ އެކި ގޮތް ގޮތަށް ދެއްކި ކަމުގައިވީ ނަމަވެސް ހަޤީގަތް ބަދަލު ނުވާނެ ކަމަށާ އެ ހާދިސާ ކައްޗާ ދުއްވަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަން ނުވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.އުމަރު ވިދާޅުވީ، އަދީބަކީ ރައީސް ޔާމިން އެންމެ ބޮޑަށް އިތުބާރު ކުރައްވަމުން ގެންދެވި އެއް ބޭފުޅާ ކަމަށެވެ. އަދި އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އަދީބުގެ އަމަލުތައް ހުރި ގޮތުން، ފުލުހުންގެ އިންޓެލިޖެންސުން އެ މަޢުލޫމާތު އުމަރު އާ ހިއްސާކުރެއްވުމުން އެކަން ރައީސް ޔާމިނާއި ހިއްސާ ކުރެއްވި ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އެހެން ކަމުން އެހާ ހިސާބަށް ދިޔައިރު ރައީސް ޔާމިން އަށް ވެސް އަދީބުއަކީ ކާކުކަން އެނގިވަޑައިގެންފައި ވާނެ ކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ.އުމަރު އެމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ފާހަގަކޮށްލަން ޖެހެނީ، ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ މާކުރިއްސުރެ ވެސް އަދީބުއާ މެދު ފިޔަވަޅު އަޅަން ފަށާފައިވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާ ކަމެވެ. އުމަރު އިތުރަށް ވިދާޅުވީ، އަދީބު އަކީ ކާކުކަން މުޅި ދިވެހި ޤައުމުވެސް މިހާރު ދަންނަ ކަމަށާ އަދީބުގެ ހަގީގަތް މީހަަކަށް ކިޔައިދޭން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރުން އަދީބު ގޭ ބަންދަށް ބަދަލު ކުރީ މި ސަރުކާރު އިންތިޚާބު ކުރުމުގައި އަދީބު ފަންޑުކޮށްދީފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުން ކަމަށެވެ. ނަމަވެސް އެނެގޭ ހަގީގަތަކީ އަވަސް މުސްތަގުބަލެއްގައި އަދީބު އޮންނާނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ