ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ތ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވަން ޕީޕީއެމްގެ ޓިކެޓު ދީފައި ވަނިކޮށް، އެ ދާއިރާއަށް ރައީސް މައުމޫނުގެ ތާއީދާ އެކު ކުރިމަތިލައްވަން މުހައްމަދު އިބްރާހީމް މަނިކު (މޮހޮދޭ) ނިންްމަވައިފި އެވެ.
މޮހޮދޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ގުރައިދާ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާނުކުރައްވައިފަ އެވެ.
"މާﷲގެ ހަޟުރަތުން ވާގި އެދެމުން، މަޖިލިސް 2019ގައި ތ. ގުރައިދޫ ދާއިރާއަށް ކުރިމަރިލުމަށް ނިންމައިފިން. ދާއިރާގެ ރައްޔިތުންގެ އިޚުލާސްތެރިކަމާއި ވަފާތެރިކަން އެއީ ޝައްކެެއް އޮތް ކަމެއް ނޫން." މޮހޮދޭގެ ޓުވީޓުގައި ވިދާޅުވި އެވެ. އެ ޓުވީޓުގައި މޮހޮދޭ ވަނީ ރައީސް މައުމޫން ޓެގްކުރައްވައިފަ އެވެ.
މޮހޮދޭ ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވުމާ ގުޅިގެން ރައީސް މައުމޫން ވަނީ މަރުހަބާ ވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ. އަދި ފުރިހަމަ ކާމިޔާބީއަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
މި ކަމާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ކޮމެންޓެއް ހޯދައިލުމަށް އެމަނިކުފާނަށް މެސެޖަކުން ދެންނެވުމުން ވަކި ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ. އަދި ޣައްސާން މައުމޫނަށް ގުޅޭތޯ ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވި އެވެ.
ޣައްސާން މައުމޫން ގުރައިދޫ ދާއިރާއަށް ވާދަކުރައްވަން ބޮޑުބޭބެފުޅު، ކުރީގެ ރައީސް ޔާމީން ޕީޕީއެމްގެ ޓިކެޓް ދެއްވައިފައި ވަނިކޮށް، ބައްޕާފުޅު، މައުމޫން އެ ދާއިރާއަށް ނިކުންނަވާ އެހެން ބޭފުޅަކަށް ތާއީދުކުރައްވަން ނިންމެވުމުން ޣައްސާން ގުރައިދޫ ދާއިރާއަށް ކުރިމަތިލައްވާނެތޯ މި ވަނީ ސުވާލު އުފެދިފަ އެވެ.
ކޮއްކޯފުޅު ރައީސް ޔާމީނަށް ރައީސް މައުމޫން ދެއްވި ތާއީދު އަނބުރައި ގެންދަވައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އިސްލާހީ މަސައްކަތް ފެއްޓެވި އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ އަރިހުގަ އެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރޭގައި ބައްޕާފުޅު ރައީސް މައުމޫނާއި ބޭބޭ ފާރިޝް މައުމޫން ޖަލަށްލީ އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީން އަރިހުގައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ވެސް ޣައްސާން ހުންނެވީ ޔާމީން އަރިހުގަ އެވެ.
ޣައްސާނަށް ގުރައިދޫ ދާއިރާގެ ޓިކެޓު ލިބިވަޑައިގެންފައި ވަނިކޮށް މޮހޮދޭއަށް ތާއީދުކުރައްވަން މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ