ބިދޭސީންނަށް ބިން މިލްކުކުރެވޭ އުސޫލު ބާތިލްކުރަން މެމްބަރު ރިފާއު ހުށަހަޅުއްވަނީ

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން ހިއްކައިގެން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރައްވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޭނުން ވެގެން އަދި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންގެ ވޯޓާ އެކު، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި މި އިސްލާހާ އެކު، ރާއްޖޭގައި ބިން ހިއްކައިގެން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެ ބިމުން ބައެއް މިލްކުކުރެވޭ ގޮތައް ވަނީ ކަނޑައަޅައިފަ އެވެ. ޖުލައި 22، 2015 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްކުރީ 70 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 14 މެމްބަރެކެވެ.
އެތައް ބައެއްގެ ފާޑުކިޔުންތައް ސަރުކާރާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ވެސް އަމާޒުވި، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭ އުސޫލު ބާތިލް ކުރަން ހުށަހަޅުއްވާނެ ކަމަށް ރިފާއު ހާމަކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
"އަޅުގަނޑުގެ އުންމީދަކީ މި އިސްލާހު ފާސްވުން،" ރިފާއުގެ ޓުވީޓުގައި ވެ އެވެ.
Dhivehi gina rayyithun kanboduvun faalhu kohfaivaa Beyruge faraaithakah bin milku kurevey gothah QA 251 maadhaa ah genevunu islaahu baathil kurumah Rayyithunge Majlis ah husha elhumah ninmaifin. Alhugaduge ummeedhakee mi islaahu faasvun @ibusolih @qasimibrahim @ahmed_nihan— Abdulla Rifau Bochey (@RifauMP) November 12, 2018
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ވެރިކަމް ކުރާ ޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ފަހިކޮށް، ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ފްރީހޯލްޑް އުސޫލުން ބިމުގެ މިލްކުވެރިކަމުގެ ހައްގު ބޭރުގެ ފަރާތްތަކަށް ދޫކުރުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގެ މައްޗަށް އޮތް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޭގެ ޒާތުގައި ބީވެ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުން ކަމުގައެއް ނުބެލެވޭނެ ކަމަށެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވަމުން، ނިހާން ވިދާޅުވެފައި ވަނީ އެއިން ހުޅުވާލާފައިވަނީ ވަރަށް ކުޑަ ފުރުސަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތައް ވެސް ތަރައްގީ ވެގެން ގޮސްފައި ވަނީ މި އުސޫލުން ބިން މިލްކު ކުރެވޭ ގޮތަށް އެ ގައުމުތަކުގައި ވެސް އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ޖިއޮގްރަފީ ގޮތުން އުފެދިފައި ހުރި ހުރި ރަށްތަކުގެ އަދަދާއި ސައިޒާއި ދިވެހިރާއްޖޭގެ ތިމާވެއްޓާއި އޮއިދެމޭ ގޮތާއި ކަނޑާއި އެއްގަމާއި ފަޅަށް ބެލުމަށް ފަހުގައި އެ ކުރެވޭ ދިރާސާތަކަށް ފަހުގައި ނޫނީ މި މި ޗާންސްތަކެއް ބޭނުންހާ ގޮތަކަށް ހުޅުވިގެން ނުދޭ. މިއީ އެއްވެސް ހާލަތެއްގައި މުތުލަގަށް ހުޅުވާލާ ދޫކޮށްލާ ދޮރެއް ނޫން. އަންނާނެހާ މީހަކު އަންނާނެހާ ތަނަކުން އައިސް ދިވެހިރާއްޖޭގެ ބިން ހިއްކައިގެން އެތަނުގެ މިލްކުވެރި ފަރާތަށް ހެދިގެން އެ މީހުން ދަރިންނާ ދަރިންގެ ދަރިންނަށް އެ މިލްކުވެރިކަން ބަދަލުކުރެވޭހެން،" މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ