ފައިސާ ބެހި ވާހަކަ ދެއްކުމަކީ ގައުމީ ޖިހާދެއް ކަމުގައި މެމްބަރު މުހައްމަދު ވިދާޅުވެއްޖެ

މަޖިލިސް މެމްބަރުންނަށް ފައިސާ ބެހި ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށާއި އެއީ ގައުމީ ޖިހާދެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. "އެ ފައިސާ ގޯނި ހިފައިގެން" މެމްބަރުންނަށް ބަހަން ދިޔައީ އޭނާ ކަމަށާއި އެ ފައިސާގައި މަޖިލިސް މެމްބަރުން ހިފި ކަމަށް މެމްބަރު މުހައްމަދު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. އެ މައްސަލަ މިހާރު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވާ އިރު، ފައިސާގައި ހިފި މެމްބަރުންގެ ނަންތައް ވެސް ހާމަކުރަން ޖެހުމުން ހާމަކުރައްވާނެ ކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ. ރޭ ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މަޖިލީހުގައި ދެއްކި އެއްވެސް ވާހަކައަކީ ކުރެވުނު ކުށެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކުރެވޭ ބޮޑު ޖިހާދެއް ކަމަށެވެ. މަޖިލީހުގައި ވިދާޅުވި ވާހަކަތަކުގެ ސަބަބުން އެތައް ބައެއްގެ ބަހުގެ ހަމަލާތައް އަމާޒުވަމުން އަންނަ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމަކާ ޖެހިލުން ނުވާކަމަށް ވަނީ ވިދާޅުވެފަ އެވެ. މެމްބަރުގެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ. މެމްބަރު ވަނީ ކުރީގެ ނައިބު ރައީސް ވިދާޅުވެގެން އޭނާ ބެއްސެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމަށް ވިދާޅުނުވާ ކަމަށް ވެސް ރޭ ވިދާޅުވެފަ އެވެ. އަދި އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ނޭނގޭ ކަމަށާއި، އަދީބު އޭނާ އަށް ފައިސާ ދެއްވީ އެކުވެރިއެއްގެ ހައިސިއްޔަތުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގައި "އެ ފައިސާ" ކަމަށް ވިދާޅުވެ މެމްބަރު ވާހަކަ ދެއްކެވި އިރު، އޭރު މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔައީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގަރާރަށް ބަހުސް ކުރުމެވެ. "މި ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރިއަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،" ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މުހައްމަދު އިސްމާއީލް މަޖިލީހުގައި ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން އޭނާގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ