ނަޝީދު ވަކިކުރުމުގެ "ގަޓެއް" ނެތް: ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުހުންނަވާނެ ކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ މެމްބަރުންތަކެއް މިހާރު ވަނީ ފަށާފަ އެވެ. ނަޝީދު އެ މަގާމުން ދުރުކުރުމުގެ މަސައްކަތް މި ފެށީ ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ބަދަހުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ ފޮޓޯތަކެއް ހުރި ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.
ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށީ މަޖިލީހުގައި ތިއްބެވި ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުން ކަމަށްވާއިރު ރޭ "ސަންގުޓީވީ"ގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ނަޝީދުގެ އިތުބާރު ޕީޕީއެމަށް މާކުރިން ވެސް އޮތީ ގެއްލިފައި ކަމަށާއި ނަޝީދަކީ އެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
ނަމަވެސް ރައީސް ސޯލިހު، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިނުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް ވުރެ ރައީސް ސޯލިހަށް ނަޝީދު މާ މުހިއްމު ވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސް ސޯލިހުގެ ނުހުންނަވާނެ އެ ގަޓެއް ވެސް، ނުވެސް ކުރެވޭނެ އެކަމެއް. ތަކުރާރުކޮށް މި ދަންނަވަނީ ރައީސް ސޯލިހުގެ ނުހުންނަވާނެ ނަޝީދު ވަކިކުރުމުގެ ހިތްވަރެއް. އެއަށް ވުރެ މާ ގޯސް ކަންކަން އެއް ބޭފުޅެއް އަނެއް ބޭފުޅަކާ އެކީގައި ހުންނާނީ ކުރެވިފައި." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވަނީ ނަޝީދު މަގާމުން ދުރުނުކުރާނެ ކަމަށާއި އެއަށް ވުރެ އެމްޑީޕީ އަކީ މުޑުދާރު ބައެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައި ކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން 43 މެމްބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ