ހުޅުމާލޭން ކަރަންޓު ދާތީ އާންމުގެ ޝަކުވާ، ސްޓެލްކޯއިން ބުނަނީ މައްސަލަ ހައްލުވެއްޖެ ކަމަށް

ހުޅުމާލެއިން މިއަދު އިރުއިރުކޮޅުން ކަރަންޓު ދާތީ އާންމުންގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. "މިއަދު ބައި ގަޑިއިރު ކަރަންޓު ހުރިއްޔާ އަނެއް ބައިގަނޑިއިރު ކަރަންޓު ނުހުރޭ" ކަމަށް ހުޅުމާލޭގައި ދިރިއުޅޭ މީހުން ދަނީ ބުނަނުންނެވެ. "އިރުއިރުކޮޅުން ކަރަންޓު ދަނީ މިއަދު މަގްރިބް ނަމާދަށް ގޮވިފަހުން ކަރަންޓު ދިޔަގޮތަށް އަދިވެސް ގިނަ ސަރަހައްދުތަކަށް ކަރަންޓެއް ނާދޭ" ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ. އާންމުން ކަރަންޓު ކެނޑޭކަމަށް ބުނެ ޝަކުވާކުރަމުން ދިޔަ ނަމަވެސް ސްޓެލްކޯއިން ބުނަނީ ހުޅުމާލޭގައި އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަނޓު ދިޔަ ކަމަށާއި މިހާރު ހުރިހާ ހިސާބަކަށް ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ. އަދި ހެނދުނު ކަރަންޓު ކަނޑާލީ ނޯޓިސްދީފައި ކަމަށާއި އެއީ އިންޖީނެއްގެ މަރާމާތަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އެހެން ބުނިނަމަވެސް ކަރަންޓު ނުލިބިގެން ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ދަނީ ޝަކުވާ ކުރަމުންނެވެ. " ކަރަންޓު ދުވަނީ. ބައެއް ހިސާބުތަކުގައި ނެތް މިހާރުވެސް 70 އާއި 80ގެ ފްލެޓް ހުރި ސަރަހައްދުގައި ނެތް" ކަމަށް ހުޅުމާލޭގައި ދިރިއުޅޭ ފިރިހެނަކު ބުންޏެވެ. ހުޅުމާލޭގެ ކަރަންޓު މައްސަލަ ޖެހި އެކަން އާންމުރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވެފައިވާއިރު މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު މައްސަލަ އެއްކޮށް ހައްލުވެއްޖެ ކަމަށާއި ދެން ހުޅުމާލެއިން ކަރަންޓު ނުދާނެ ކަމަށެވެ. ސްޓެލްކޯގެ ސީނިއާ އިންޖިނިއަރ އިބްރާހިމް ރައުފް މިރޭ 'ސަން' އަށް ވިދާޅުވީ ހުޅުމާލޭ އިންޖީނަށް ދިމާވީ ބޮޑު މައްސަލައެއް ނޫންކަމަށާއި އެއީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި މިހާރު ކަރަންޓު ދޫކޮށްފައިވާ ކަމަށްވެސް ބުންޏެވެ. "ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއިން ކަރަންޓޫ ދިޔައީ ނަމަވެސް މިހާރު އެކަން ހައްލުވެ ކަރަންޓު ދޫކުރެވިއްޖެ،" ރައޫފް ވިދާޅުވި އެވެ. އިރުކޮޅުން ކަރަންޓޫ ދާތީ ހުޅުމާލޭގައި ދިރިއުޅޭ މީހުން ގެންގުޅޭ އިލްކްޓްރީނިކް ސާމާނަށްވެސް ދަނީ ގެއްލުންލިބެމުންނެވެ. އޭގެތެރޭގައި އޭސީ ފްރިޖް ޓީވީ ފަދ ތަކެތި ހަލާކުވެފައިވާ ކަމަށް ގިނަ މީހުން ބުނެ އެވެ. " އޭސީ ހަލާކުވެގެން މިއަދު އޭސީ ހަރުކުރީ. އިރުއިރުކޮޅާ ކަރަންޓު ދަންޏާ އަނެއްކާ އޭސީ ހަލާކުވާނީ.،" ހުޅުމާލޭގައި ދިރިއުޅޭ އަންހެނަކު ބުންޏެވެ. ހުޅުމާލެއިން ކަރަންޓުދާ މައްސަލަ ހައްލުކުރުމަށާއި އިތުރަށް ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް 2000 ކޭވީއޭގެ ދެ ޖަނަރޭޓަރު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިރޭ ރައުފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޖަނަރޭޓަނު ލިބުމުން ހުޅުމާލޭ ކަރަންޓޫގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ