އަންނަ ރިޔާސީ އިންތިހާބުގައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ، ޖޭޕީއިން ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނެރުމަށް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންނާއެކު މިއަދު ހެނދުނު އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަކީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އެދޭ ގޮތް ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެހެންވި ނަމަވެސް، އަންނަ ރިޔާސީ އިންތިހާބުގައި ފަހަތަށް ޖެހިވަޑައިގަންނަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވައި ފަހަތަށް ޖެހިވަޑައިގަންނަވަން ގާސިމް ހުންނެވީ ތައްޔާރަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ގާސިމަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ. ގާސިމަށް 65 އަހަރުވެފައިވާއިރު 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ޖޭޕީ މެންބަރުން ވެސް ވޯޓު ދީގެން ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އޭގެ އިތުރުން ގާސިމަށް ރިޝްވަތުގެ ކުށް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ.
ގާސިމަށް ކުރިމަތިލެވޭނީ އޭނާގެ ޖަލު ހުކުމް މާފުކޮށް، ގާނޫނު އަސާސީ ވެސް އިސްލާހުކޮށްގެންނެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ. އެވަރު މިހާރު ހޯދެން އޮތީ، ސަރުކާރަށް ތާއިދުކުރާ މެންބަރުންނާއެކު އެވެ.
ބޭސްފަރުވާއަށް މިހާރު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް ބޭނުންފުޅު ވަނީ، ރިޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ރާއްޖެއަށް ރަނގަޅު ގޮތްވުން ކަމަށެވެ.
ޕާޓީގެ ކައުންސިލް މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރިޔާޒު ވިދާޅުވީ، އިދިކޮޅު އިއްތިހާދުގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގިނަ މެންބަރުން ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ބޭނުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެކަމަށް ޖޭޕީއިން އިހްތިރާމްކުރާ ކަމަށެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސް ނަޝީދަށް ވެސް އަންނަ އިންތިހާބުގައި ފުރުސަތެއް ނެތެވެ. އެމަނިކުފާނަށް ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ.
އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެކަން ވެގެން ދާނީ، އިދިކޮޅު ޕާޓީތައް ވެރިކަމަށް އައުމަށް ނިންމާ ފޯމިއުލާއަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އަންނަ އަހަރާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕާޓީތައް އޮންނާނީ އެކުގައި ކަމުގެ ޔަގީންކަން އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅުގެ ކެންޑިޑޭޓެއް ނެރުނު ނުދޭން ސަރުކާރުން ގިނަ ދަންތޫރަތަކެއް ޖަހާކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ، ފަނޑިޔާރު ގެއާއި ރައްޔިތުންގެ މަޖިލިސް ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކަށް ބިރު ދައްކަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ބިރު ނުގަންނާނެ ކަމަށާއި ޖެހިލުމެއް ވެސް ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އިދިކޮޅު އެއް ކެންޑިޑޭޓެއް ނެރުމުގެ ހިޔާލު ރައީސް ނަޝީދު ފާޅުކުރައްވާފައިވާއިރު، އެކަމަށް ޖޭޕީ އާއި އަދާލަތުން ތާއިދުކޮށްފައިވެ އެވެ. ނަމަވެސް، އިދިކޮޅުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމާ އެއްޗެއް ވިދާޅެއް ނުވެ އެވެ. އެމްޑީޕީއިން ނެރޭ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނަމުންދާއިރު، ޖޭޕީއިން ވަނީ ގާސިމް ނެރުމަށް ނިންމާފަ އެވެ. އަދި، އެކަމަށް މަސައްކަތް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއަށް މާދަމާ ގުޅިވަޑައިގަންނަވާނެ އެވެ. ގާސިމަށް ފުރުސަތު ނުލިބިއްޖެނަމަ، ޖޭޕީގެ ޓިކެޓް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޖޭޕީ ބޭނުމީ އިދިކޮޅު ކެންޑިޑޭޓަކަށް ގާސިމް ނެރެން: ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ