މާލޭގެ ގިނަ ގެތަކެއްގެ ކަރަންޓް ބިލް މިދިޔަ މަހުގެ ތެރޭގައި ބޮޑުވެ އެކަމާ ގުޅިގެން އާންމުންގެ ޝަކުވާތައް ގިނަވެއްޖެ އެވެ. ކަރަންޓް ބިލް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނާތީ އާންމު ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.
މިދިޔަ މަހުގެ ކަރަންޓު ބިލުތައް ގޭގެއަށާއި އޮފީސްތަކަށް އައިއިރު އާންމު ގޮތެއްގައި ބިލަށް އަރާވަރަށް ވުރެ ގާތްގަނޑަކަށް 1000 އެއްހާ ރުފިޔާ އަދި ބައެއް ތަންތަނުގައި އެއަށް ވުރެ ވެސް ކަރަންޓް ބިލް ވަނީ ބޮޑުވެފަ އެވެ. އަދި އެ މައްސަލައިގަ ބައެއް ފަރާތްތަކުން "އަވަސް"އަށް ގުޅައި ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
އެގޮތަށް ކަންބޮޑުވުން ފާޅުކުރި ބައެއް ފަރާތްތަކުން ނަން ނުޖަހާ ގޮތަށް ބުނީ މިދިޔަމަހު ވެސް ކަރަންޓް ބޭނުންކުރީ އެއްވަރަކަށް ކަމަށާއި ކަރަންޓް ބިލް ބޮޑުވާން ޖެހޭ ސަބަބެއް އެ މީހުންނަށް ނުވިސްނޭ ކަމަށެވެ. އަދި ކަރަންޓްގެ އަގު ކުޑަވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ކަރަންޓްގެ އަގުބޮޑުވެ އޭގެ ދަތިކަން ކުރިމަތިވަމުން އަންނަ ކަމަށް ޝަކުވާ ކުރި މީހުން ބުންޏެވެ.
"މީގެ ކުރިން ގެއަށް 700 އަށް ވުރެ ގިނައިން ބިލަކަށް ނާރާނެ، ނަމަވެސް މިދިޔަ މަހުގެ ބިލު އައިއިރު ވަނީ 1600 އަށް ވުރެ ގިނައިން އަރާފައި، އެއީ ކުރިން ނާރާ ވަރެ،" އަވަސްއަށް ގުޅައިގެން ޝަކުވާ ކުރި މީހަކު ބުންޏެވެ. މިއީ ނިސްބަތުން ބަލަންޏާ ބޮޑު އަދަދެކެވެ. ގާތްގަނޑަކަށް 100 ޕަސެންޓަށް ވުރެވެސް ބޮޑު އަދަދެއް އޭރުން ބިލުން ބޮޑުވާނެ އެވެ.
މީގެ ކުރިން ވެސް ކަރަންޓްގެ އަގު ބޮޑުވުމާ ގުޅިގެން، ޝަކުވާތައް ގިނަވުމުން ކަރަންޓްގެ އަގަށް ވެސް ބައެއް ބަދަލުތައް ގެނެ އެވެ. އަދި މިފަހުން ޑީސަލްގެ އަގު ހެޔޮވުމުން ފިއުލްސާޗާޖް ކުޑަވެ ކަރަންޓް ބިލަށް އެކަމުގެ ލުއިކުރި އެވެ. އެހެން ނަމަވެސް މި މަހު ގޭގެއަށް ފޮނުވި ބިލްތައް ބޮޑުވުމުން އާންމުންގެ ކަންބޮޑުވުން އަނެއްކާ ވެސް މި ވަނީ ބޮޑުވެފަ އެވެ.
ކަރަންޓް ބިލްތައް ބޮޑުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ. ނަމަވެސް އާންމު ގޮތެއްގައި ހޫނު މޫސުމާ ދިމާކޮށް ގެތަކުން ކަރަންޓު ބޭނުން ކުރަމުން އަންނަ މިންވަރު އިތުރުވެ އެވެ. އެގޮތުން ފެބްރުއަރީ މާޗު އަދި އޭޕްރިލް މަހުގެ ތެރޭގައި އާންމު ގޮތެއްގައި ކަރަންޓުގެ ބިލުތައް ބޮޑުވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވެ އެވެ.
ކަރަންޓު ބިލްތައް ބޮޑުވެ، ޝަކުވާ ގިނަވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ