މުއްސަނދި ގައުމުތަކުން ހިމާޔަތް ހޯދާ މީހުން އިތުރުވެއްޖެ

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ހިމާޔަތް ހޯދަން ނުވަތަ އެ ގައުމުތަކުގައި ދިރިއުޅެން އެދޭ މީހުންގެ އަދަދު މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އދ. ން ބުނެފި އެވެ.
އދ. ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުއްސަނދި ގައުމުތަކުން ހިމާޔަތް ހޯދަން ނުވަތަ އެ ގައުމުތަކުގައި ދިރިއުޅެން މިދިޔަ އަހަރު އެންމެ ގިނައިން އެދިފައިވަނީ އަފުޣާނިސްތާން ރައްޔިތުންނެވެ. އަދި އެކަމުގައި ދެވަނަ ގައުމެއްގެ ގޮތުގައި އިރާގު ފާހަގަވެފައި ވާއިރު ތިން ވަނައިގައި އޮތީ ޗައިނާ އެވެ.
ފާހަގަކުރެވިފައިވާ ގޮތުގައި މުއްސަނދި ގައުމުތަކުގެ ހިމާޔަތް ހޯދަން ނުވަތަ ވަޒަންވެރި ވުމަށް ޓިއުނީޝިއާ މީހުންނާއި ސޫރިޔާ މީހުންނާއި ލީބިޔާ މީހުން އަދި ޕާކިސްތާނު މީހުން ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ.
އދ. ން ކުރި ސާވޭއިން ދައްކާ ގޮތުގައި ސިނާސީ ގޮތުން ކުރިއަރާފައިވާ 44 ގައުމަކުން ހިމާޔަތަށް އެދުނު މީހުންގެ އަދަދު މިދިޔަ އަހަރު ވަނީ 20 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި 2010 ވަނަ އަހަރު އެކަމަށް އެދުނު މީހުންގެ ޖުމްލަ އަދަދަކީ 368،000 ކަމަށް ވާއިރު މިދިޔަ އަހަރު 441،300 މީހުން އެދިފައިވެ އެވެ.
އަފްޣާނިސްތާންގެ 35700 ރައްޔިތަކު މުއްސަނދި އެކި ގައުމުތަކުން ހިމާޔަތް ހޯދުމަށް މިދިޔަ އަހަރު އެދުނު އިރު އޭގެ ތެރެއިން ގިނަ މީހުން އެގައުމުތަކަށް ހިޖުރަކުރަން އެދެނީ އެމެރިކާއިން އަފުޣާނިސްތާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ހަމަނުޖެހުންތަކާއި ފަގީރުކަމަށް ފިލުމަށެވެ.
އދ. ގެ ހިއުމަންރައިޓްސް ކައުންސިލުން ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ހިމާޔަތަށް އެދުނު ޗައިނާގެ ރައްޔިތުންގެ އަދަދު މިދިޔަ އަހަރު ވަނީ 24400 އަށް އަރާފައެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ހިމާޔަތަށް އެދުނު ޗައިނާގެ ކޮންމެ ފަސްމީހަކުން އެކަކު ހިމާޔަތަށް އެދިފައި ވަނީ އެމެރިކާއިންނެވެ.
އެމެރިކާއިން ސުންނާފަތި ކޮށްލާފައިވާ އިރާގުގެ 23000 މީހުން ، މިދިޔަ އަހަރު ހިމާޔަތަށް އެދުނު އިރު އޭގެ ތެރެއިން ގިނަމީހުން ހިމާޔަތަށް އެދިފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ