ޕީޕީއެމް މައުމޫން ފެކްޝަންގެ އެސްޖީއަކަށް އަލީމް

ޕީޕީއެމްގެ ދެ ފެކްޝަނެއް އުފެދިފައިވާއިރު، ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްއަކަށް އަބްދުލް އަލީމް ހަމަޖައްސައިފިއެވެ.
އަލީމް މި މަގާމަށް ހަމަޖެއްސީ، ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. އަލީމް ކުރިން ހުންނެވީ، ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލްގެ މަގާމުގައެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސް މައުމޫންގެ ފެކްޝަނުން މިއަދު ޕީޕީއެމް ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާއިރު، ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރަން، ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
އެ އަމުރުގައި ވަނީ، 24 ގަޑިއިރުގެ ތެރޭގައި ރައީސް ޔާމީންގެ ބެލުމުގެ ދަށުން، ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށެވެ. އެ ކައުންސިލް ބައްދަލުވުން މިރޭ 9 ޖަހާއިރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ރައީސް މައުމޫން މިއަދު ވަނީ، ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުނުކުރައްވާނެ ކަމަށް ވިދާޅުވެ، އެ ހުކުމް ހައިކޯޓުގައި އިސްތިއުފާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މިދަނީ އެ ހުކުމް ތަންފީޒުކުރަން ހައިކޯޓަށް ހުށައަޅަން ތައްޔާރުވަމުން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ، އެއްވެސް ފަރާތަކުން ހުކުމް ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރަން. ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް އެއީ، ކޯޓުގެ ހުކުމް އިސްތިއުނާފްކުރުން" މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ