ފަރިޔާޝް އަހުމަދު މެރުމަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ގއ.މާމެންދޫގައި 2006 ވަނަ އަހަރުގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މަރުވި ގއ. ވިލިނގިލީ ކަނޑު އޮޅި، މުހައްމަދު ޝިހާބު މަރުވި މައްސަލާގައި ހިމެނޭ ފަރިޔާޝް އަހުމަދު މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފިއެވެ.
މުހައްމަދު ޝިހާބުގެ މަރުގެ މައްސަލައާއި ގުޅިގެން އޭރުގެ ޖިނާއީ ކޯޓުން 29 ޖުލައި 2006 ގައި ފަރިޔާޝް މެރުމަށް ހުކުމް ކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ އޭގެ ހަތް އަހަރު ފަހުން މިދިޔަ އަހަރުގެ ތެރޭގައެވެ.
14 ޖުލައި 2006 ގައި މާމެންދޫގައި ހިންގި މާރާމާރީއާއި ގުޅިގެން މުހައްމަދު ޝިހާބު މަރުވީ 17 ޖުލައި 2006 ގައި ފަރުވާދެމުން ދަނިކޮށެވެ.
މި މައްސަލައާއި ގުޅިގެން ޖުމްލަ 4 މީހަކު މެރުމަށް ޖިނާއީ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އިސްތިއުނާފު ކުރިޔަށް ގެންގޮސް މައްސަލަ ނިންމުމަށް މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލިހުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިސްފަނޑިޔާރު ވިދާޅުވީ އިސްތިއުނާފު ކުރުމަށް އޮންނަ މުއްދަތު ހަމަވުމުގެ ފަހުން އެމައްސަލަ އިސްތިއުނާފަށް ބަލައިގެންފައިވަނީ މައްސަލައިގެ ބާވަތަށާއި، މައްސަލައާއި ގުޅިގެން ފަރިޔާޝުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބެލުމަށް ފަހު ކަމަށެވެ.
އަދި ދަށުކޯޓަށް މި މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވަނީ 5 ހެކިވެރިއަކު އެކަނި ކަމަށާއި، އެ ހެކިވެރިންގެ ތެރެއިން އެއްމެ މީހަކު ފިޔަވާ ދެންތިބި އެންމެންވެސް ހެކިބަސްދެމުން ފަރިޔާޝް އެމާރާމާރީގައި ބައިވެރިވެފައިވަނިކޮށް ފެނިފައިނުވާ ކަމަށް ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އަދި ފަރިޔާޝް އެކަމުގައި ބައިވެރިވިކަމަށް ބުނާ މީހަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑް އޮތް މީހަކަށް ވުމުން އެމީހާގެ ހެކިބަހުގައި އަދުލުވެރިކަން ހުންނާނެ ކަމަށް ނުދެކޭ ކަމަށާއި، އެމީހާގެ ހެކިބަހާއި ދެންތިބި މީހުންގެ ހެކިބަހާ ފުށުއަރާތީ އެމީހާގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށެވެ.
އަދި ކޯޓަށް ހުށަހެޅި ހެކިވެރިންގެ ތެރެއިން 3 ހެއްކަކާއި ސުވާލު ކުރުމުގެ ފުރުސަތު ފަރިޔާޝަށް ލިބިދީފައިނުވާކަންވެސް ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.
ފަރިޔާޝްގެ މަރުގެ ހުކުމް ބާތިލްކޮށްފައި ވަނީ މައްސަލަ ބެލި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެމައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނު އަދި އިސް ފަނޑިޔާރު އަބްދުﷲ ދީދީއެވެ.
ފަރިޔާޝްގެ އިތުރުން އިތުރު ތިން މީހަކު ވެސް އެ މައްސަލާގައި މަރަން ހުކުމްކޮށްފައިވޭ. އޭގެ ތެރެއިން އެކަކުގެ ޝަރީއަތް ގޯސްކޮށް ހިންގާފައި ވާތީ އެ ޝަރީއަތް އަލުން ހިންގަން ހައި ކޯޓުން 2013 ގައި ވަނީ އަމުރުކޮށްފައެވެ.
ފަރިޔާޝްއާއި ޓެރަރިޒަމްގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ވަނީ 2014 ވަނަ އަހަރު ފަހުކޮޅު އެ މީހުން ތިބި ޖަލުގެ ގޮޅިން ފިލާފައެވެ. އަދި އެ ދެ މީހުން ހޯދަން ސިފައިންނާއި ފުލުހުން ނިކުމެގެން ހިންގި އޮޕަރޭޝަނެއްގައި ފަރިޔާޝް އަތުލައިގަނެފައިވަނީ ސިފަ ބަދަލުކޮށްގެން ސައި ހޮޓަލެއްގެ ތެރޭގައި އުޅެނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ