މައުމޫނު ބޭނުމީ ޕީޕީއެމް މައްސަލަ އަށް އިންސާފުވެރި ނިމުމެއް

ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިން އާއި ހަވާލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލާއިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލަ ވެއްދީ ޕީޕީއެމްގެ އާންމު މެމްބަރު ސ. ހުޅުދޫ ފެންފިޔާޒު ވިލާ، އައްބާސް ވާފިރު އެވެ.
ރައީސް މައުމޫނު ގެ ފަރާތުން މައްސަލައިގައި ވާހަކަ ދެއްކެވީ ދުންޏާ މައުމޫނުއެވެ.
"ގާނޫނުއަސާސީގެ ދަށުން އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަަމަހަމަ ވެގެންވާ މީހެއްކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ހައްގަކަށް ވާތީ ހަމަހަމަ ކަމާ އިންސާފުވެރިކަމާއެކު މި ދެ މައްސަލަ ނިންމަވާދެއްވުމަށް ރައީސް މައުމޫނު އެދިވަޑައިގަންނަވާ" ޔުމްނާ މައުމޫނު ވިދާޅުވި އެވެ.
ޔާމިން ފެކްޝަނުގެ ވަކީލުން ޕީޕީއެމް ކައުންސިލް ބައްދަލުވުންތައް ގަވާއިދާ އެއްގޮތަށް ބާއްވަމުން ނުދާ ކަމަށް ވިދާޅުވުމުން ރައީސް މައުމޫނުގެ ފަރާތުން ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކާއިމެދު ޝަކުވާ ލިބިފައިވަނީ އެއްމެ ފަހަރަކު ކަމަށާއި , އަބްދުއްރަހީމު އަކީ އެޕާޓީގެ ނައިބުރައީސް ކަމުން ވަކި ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ.
އަދި އަބްދުއްރަހީމް ޕާޓީގެ ކައުންސިލަށް އައްޔަން ކުރެއްވީ ރައީސް މައުމޫނު ކަމަށާއި ކައުންސިލުން އަބްދުއްރަހީމް ވަކިކުރެއްވުމާ ގުޅިގެން ނައިބު ރައީސްކަން ވެސް ގެއްލިފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް މައުމޫނުގެ ފަރާތުން ވަކީލު ހުސްނުއްސޫދު ވެސް ވަނީ ވާހަަކަ ދައްކަވާފައެވެ. ހުސްނުއްސުއޫދު ވިދާޅުވީ މައުމޫނަށް އެނގުމަކާ ނުލައި އެ މައްސަލަ އިސްތިއުނާފު ކުރީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަމަށެވެ.
ހުސްނުއްސޫދު އެދެބޭފުޅުންނަށް ތުހުމަތު ކުރެއްވިޔަސް އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަރާޓެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެހެން ކަމުން އެވާހަކަ ކޯޓުގައި ނުދެއްކުމަށެވެ. ތަކުރާރުކޮށް ސުއޫދު އެވާހަކަ ދައްކަން މަސައްކަތް ކުރެއވި ނަމަވެސް ކޯޓުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.
އެ ހުކުމާ ބެހޭ ގޮތުން މައުމޫންގެ ވަކީލުންގެ ޓީމުން މިއަދު ވެސް ފާހަގަކުރި މައިގަނޑު މައްސަލައަކީ އަސާސީ ގަވާއިދުގައި ނެތް ބާރެއް ރައީސް ޔާމީނަށް ހަވާލުކޮށްފައި އޮތް އޮތުމެވެ. ރައީސް ޔާމީނާ ޕާޓީ ހަވާލު ކުރުމުގެ ބަދަލުގައި މައްސލަ ހައްލުކުރެވޭނެ އެތައް ގޮތްތަކެއް އެބަހުރި ކަމަށް މައުމޫނުގެ ވަކީލުންގެ ޓީމުން ފާހަގަކުރިއެވެ.
ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅި ދެ މެމްބަރުން ކަމަށްވާ ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ވަކީލް އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ސިވިލް ކޯޓުގައި ފާހަގަ ނުކުރާ އާ ކަންތައްތަކެއް މައުމޫނުގެ ފަރާތުން ހައި ކޯޓުގައި ފާހަގަ ނުކުރެވޭނެ ކަމަށާއި ސިވިލް ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދޫކޮށްލެއްވީ މައުމޫނު އަމިއްލައަށް ކަމަށެވެ.
ހައިކޯޓުގައި ޕީޕީއެމް ތަމްސީލުކުރުމުގެ ފުރުސަތު ލިބުނީ ޔާމިން ފެކްޝަނަށް ކަމުން އެފަރާތް ތަކުން ވާހަކަ ދައްކަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ