ގާސިމް ދޫކޮށްލުމަށް އެމްޓީޔޫއިން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވީހާވެސް އަވަހަކަށް ދޫކޮށްލުމަށް މޯލްޑިވްސް ޓްރޭޑް ޔުނިއަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ވީޓީވީން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ ރައީސް ފުއާދު ޒާހިރު ވިދާޅުވީ، ގާސިމް ފަދަ ވިޔަފާރިވެރިންނަކީ ނުހައްގުން ހައްޔަރު ކުރެވޭނެ ބައެއް ނޫން ކަމަށެވެ. ވިޔަފާރިވެރިންނާ މަސައްކަތްތެރިންގެ ހައްގުގައި ގާސިމް ކުރައްވާ މަސައްކަތްތަކަކީ ދިވެހި ގައުމާއި މިސަރުކާރުން ބަލައިގަންނަންޖެހޭ މަސައްކަތްތަކެއް ކަމަށް ފުވާދު ވިދާޅުވި އެވެ. އަދި މިއީ ވިޔަފަރިވެރިންނާ މަސައްކަތްތެރިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާ މިއީ ބޭރު ދުނިޔޭގައި ރާއްޖޭގެ އަގުވެއްޓޭނެ ކަމެއް ކަަމަށްވެސް ވިދާޅުވިއެވެ.
ފުވާދު ވިދާޅުވީ ގާސިމް އިބްރަހީމަށް ނުހައްގުން އަދަބު ދެވިގެން ނުވާނެ ކަމަށާ އެމަނިކުފާނު ހައްޔަރުކޮށްފައި ހުރީ މިރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާ ޤަވައިދުތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހިމް ވީއެންމެ އަވަސް ފުރުސަތެއްގައި ދޫކޮށްލާ ގާނޫނީ އިމުގެތެރެއިން ކަންތައްތައް ކުރުމަށް ސަރުކާރަށްވަނީ ގޮވާލާފައެވެ.
މިޕްރޮގްރާމްގައި މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ ކައުންސިލް މެމްބަރު އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ދިވެހި މުޖުތަމައުގައި އެންމެ ޚިދުމަތްތެރި އެއް ބޭފުޅާ ކަމަށެވެ. އާޒިމް ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެމަނިކުފާނަށް ނޫން ކަމަށާއި އޭގެ ހިތްދަތިކާ އަސަރު ރާއްޖޭގެ އެތައް ޢާއިލާއަކަށް ކުރާނެ ކަމަށެވެ.
ގަވައިދުން ޓެކްސް ދައްކާ ފަރާތްތަކުގެ އަގު ވަޒަންކޮށް މީރާއިން ދޭ ރަންލާރި އެވޯޑް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް އެވޯޑު ލިބުނުތާ ދެމަސްފަހުން ޓެކްސް ނުދައްކާ ކަަމަށް ބުނެ އެކައުންޓް ފްރީޒް ކުރުމުން އާޒިމް ވަނީ އެކަން އެގޮތަށް ކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ.
އާޒިމް ވިދާޅުވީ މިހުރިހާ ކަމަކީވެސް ގާސިމް އިބްރާހިމް ފްރޭމްކޮށް ނުހައްގުން އަދަބު ދިނުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އަދި މިއަދު ގާސިމް އިބްރާހީމަށް ލިބެމުންދާ އަނިޔާއިން ސަލާމަތް ކުރުމަށް މަސައްކަތް ނުކުރާނަމަ މާދަމާ އެހެން ވިޔަފާރިވެރިއަކަށް ދިމާވާ މިފަދަ ކަމެއްގައިވެސް ނިކުންނާނެ ބަޔަކު ނުވާނެ ކަމަށާ އެހެން ކަމުން އަނިޔާ އާއި ދެކޮޅަށް ނިކުންނަންޖެހޭ ކަަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކަރަންޓުގެ އަގު ބޮޑުވުމުންވެސް ރައްޔިތުން އަނގައިން ނުބުނި ކަމަށާއި އަދި ކާޑުގެ އަގު ބޮޑުވުމުންވެސް އަނގައިން ބުނެލަން ނުކެރުނު ކަމަށެވެ. މިއީ އިގްތިޞާދީ ގޮތުން އަޅުވެތިކުރުން ކަމަށާއި މިގޮތަށް ހެދުމުން ރައްޔިތުންޖެހޭނީ ސަރުކާރުން ބުނާހާ ގޮތެއް ހަދައިގެން ތިބެން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ގާސިމް އިބްރާހީމް މިނިވަން ކުރަންދެން ހުރިހާ އެންމެންވެސް އިހުތިޖާޖު ކުރުމަށް އާޒިމް ގޮވާލެއްވިއެވެ.
އާޒިމް ވިދާޅުވީ ކަރަންޓުގެ އަގާ ކާޑުގެ އަގުތައްވެސް ކުޑަކުރެވޭނީ ރައްޔިތުން މިއިހުތިޖާޖުގައި ބައިވެރިވެ އަޑު އުފުލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ