ހަތަރު މިލިއަން ޑޮލަރަށް ވިއްކާލާފައިވާ ފޭދޫ ފިނޮޅު ދިވެހިން ދަތުރުގޮސް އުފާކޮށްލުމަށް ބޭނުންކުރާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ފޭދޫ ފިނޮޅު މާލޭގައި އާއި މާލެ ކައިރީގައި ދިރިއުޅޭ ރައްޔިތުން ދަތުރުކޮށް އުފާކޮށްލުމަށް ބޭނުންކުރާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް ޓްއަރިޒަމް މިނިސްޓަރުގެ އަރިހުން އެދޭކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ މާލެއާއި މާލެ ކައިރީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދަތުރުކޮށް އުފާކޮށްލުމަށް އޮތް ހަމައެކަނި ފުރުސަތަކީ އެއީކަމަށާ އެ ނޫން ފުރުސަތެއް ނެތްކަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ ފޭދޫ ފިނޮޅު ވިއްކާނުލުމަށާއި، އެރަށް ދިވެހިންގެ ބޭނުންތަކަށް ހާއްސަކޮށްފައި ބޭއްވުމަށް ގޮވާލައްވާފައެވެ.
ކ. ފޭދޫފިނޮޅު ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު ނުވަތަ 61 މިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ. ހޮޓެލް ޖެންގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވިއްކަން އިއުލާންކުރި 11 ރަށާއި ދެ ފިނޮޅުގެ ތެރެއިން މިހާތަނަށް ވިއްކާލެވިފައިވަނީ ފޭދޫފިނޮޅު އެކަނި ކަމުގަ އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ފޭދޫފިނޮޅު ގަނެފައިވަނީ ޗައިނާގެ ކުންފުންޏަކުން ކަމަށާއި އެފައިސާ ލިބިފައިވާ ކަމަށެވެ. ނަމަވެސް މިރަށް ގަނެފައިވާ ކުންފުނީގެ ނަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ. އަދި އެ އެއްބަސްވުމުގެ މައުލޫމާތު އޭސީސީއާއި އޮޑިޓަރު ޖެނެރަލްގެ އޮފީހާއި މިހާރު ހިއްސާކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފޭދޫފިނޮޅަކީ ފުލުހުން މީގެ ކުރިން ބޭނުން ކުރި ރަށަކަށް ވާތީ ފޭދޫފިނޮޅު ވިއްކާލީ އެރަށް ވިއްކާލައިގެން ސަރުކާރަށް ލިބޭ ކުލި ލިބިފައި އެރަށުން ޕޮލިސް ވެލްފެއާ ފަންޑަށް ވެސް ފައިސާ ލިބޭ ގޮތަށް ކަމަށެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ފޭދޫފިނޮޅު ވިއްކާލީ 50 އަހަރަށް ކަމަށްވާތީ އެ މުއްދަތުގެ ތެރޭގައި ފުލުހުންގެ ވެލްފެއާ ފަންޑަށް 70 މިލިއަން ޑޮލަރާއި 80 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ލިބޭނެ ކަމަށެވެ.
ބައެއް ރަށްތަކާއި ފަޅުތައް ގަންނަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާންކުރަމުން ދިޔަ ނަމަވެސް މިރަށްތައް ވިއްކަން ނިންމާފައިވަނީ ބިޑް ކުރުމަކާއި ނުލަ އެވެ. މިގޮތަށް އިއުލާންކުރަމުން މިދަނީ ބިޑްކުރުމަކާ ނުލައި ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް މިދިޔައަހަރުގެ ޖުލައި މަހުގެ ގެނައި އިސްލާހަކާއި ގުޅިގެންނެވެ.
ފޭދޫ ފިނޮޅު ދިވެހިންގެ ބޭނުންތަކަށް ބާއްވައިދިނުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ