ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު، އެ ނިންމުން ރަނގަޅު ނޫންކަމަށްކަމަށް ވިދާޅުވާ ބޭފުޅުން އެހެން ވިދާޅުވަނީ ގާނޫނު ނޭނގޭތީ ނުވަތަ ތައައްސަބުގެ ސަބަބުންކަމަށް ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ވެސް ބާތިލް ނުކުރެވޭނެ ކަމަށް މިއަހަރުގެ މެއިމަހުގެ ތެރޭގައި ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ކުރީގެ ބަންޑާރަ ނާއިބް އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫހެއްގައި ލިޔުއްވާފައިވާ ޚަބަރަކާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުުކުމް އިއްޔެ ބާތިލްކޮށްފައިވާއިރު، އިއްޔެގެ ހުކުމާއިއެކުވެސް އާޒިމާ ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްުދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކާކުތޯ ސުވާލުކުރައްވާފައެވެ.
ކުރިން ގާޒީކަމާއި، ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން، އެކޯޓުން ނިންމާ ނިންމުން މުރާޖަޢާކުރުމަކީ، ހައްގުން އެއްކިބާވެ އަދި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަމަށް ފެންނަ ހާލަތްތަކުގައި ސުޕްރީމް ކޯޓްތަކުން ކުރަމުން އަންނަކަމެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ކަން ހިނގަމުންދާގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ ދަށުން ނިންމި ރަނގަޅު ނިންމުމެއްކަމަށެވެ. އަދި ގާނޫނީ ވަކީލަކު އެ ނޫންގޮތަކަށް ދެކޭނަމަ އެއީ ގާނޫނު ނޭންގޭތީ ނުވަތަ ތައައްސަބުގެ ސަބަބުން ދެކޭދެކުމެއް ނުވަތަ ވިދާޅުވާ އެއްޗެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ނިންމުން ރަނގަޅު ނޫންކަމަށް ވިދާޅުވަނީ ގާނޫނު ނޭނގޭތީ: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ