ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއްވެސް ސެކިއުރިޓީއެއް ނެތި ސިންގަޕޫރުގައި ޓެކްސީގައި ދަތުރުކުރައްވާ ފޮޓޯއެއް އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިފޮޓޯ އެންމެ ފުރަތަމަ އާންމުކުރެއްވީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު އެވެ.
މިފޮޓޯއާއެކު އަލީ ނިޒާރު ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް އިމްތިޔާޒުތައް ޔަގީންކޮށްދިނުމަކީ ގާނޫނުން ވާޖިބުކުރާ ކަމެއް ކަމަށެވެެ.
އަލީ ނިޒާރު ވިދާޅުވީ ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ސިންގަޕޫރުގައި ދިވެހި އެމްބަސީއެއް ހިންގާއިރު އަދި އެތަނުގައި އެތައް ކާރެއް ހުރި އިރު ރާއްޖޭގެ ކުރީގެ ރައީސްއެއް ސެކިއުރިޓީއެއް ނެތި ޓެކްސީއެއްގައި އުޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެމަންޒަރު ފެނުމުން މިސަރުކާރުން ރާއްޖޭގެ ގައުމިއްޔަތުގެ ރޫހު ވީރާނާ ކޮށްލާފައިވާ ކަން ދޭހަވާ ކޮށްދޭ ކަަމަށްވެސް ވިދާޅުވި އެވެ.
އަލީ ނިޒާރުގެ މިޕޯސްޓާ ގުޅިގެން ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން މިފަދަ މަންޒަރެއް ދުވަހަކުވެސް މިގައުމުގެ ރައީސަކާ މެދު ފެންނަން ބޭނުން ނުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ މިމަންޒަރާ މެދު ހިތާމަކުރާ ކަމަށްވެސް ބުނެފަ އެވެ.
ވަރަށް މަދު މީހަކު ނަމަވެސް މިފޮޓޯގައި ފެންނަ މަންޒަރު ދިފާއުކޮށް ވާހަކަދައްކާފައިވެ އެވެ. އެގޮތުން ރައީސަކަށްވީ ނަމަވެސް ތަފާތުކޮށްގެން ކަންކަން ކުރަން ތާއީދު ނުކުރާ ކަމަށް މިފަދަ ބައެއް މީހުން ބުނެފައިވެ އެވެ.
ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ކޮއްކޮ ފަރީޝާ އިބްރާހީމްގެ ސިއްހީ ހާލުކޮޅު ބޮޑުވުމާ ގުޅިގެން އިންޑިއާގައި ހުންނެވުމަށްފަހު އެވެ. ރައީސް މައުމޫން ރާއްޖެއިން އިންޑިއާއަށް ވަޑައިގަތުމަށް ސެކިއުރިޓީއާ އެކު ފުރަން އުޅުއްވަނިކޮށް ފަހު ވަގުތު ސަރުކާރުން ވަނީ ސެކިއުރިޓީ ނުގެންދެވޭނެ ކަން އަންގާފަ އެވެ. އެހެންކަމުން ރައީސް މައުމޫން އިންޑިއާ އަށް އަދި އޭގެ ފަހުން ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނީ ސެކިއުރިޓީ ނެތި އެވެ.
ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް ދާދި ފަހުން އިސްލާހުތަކެއް ގެނެސް ކުރީގެ ރައީސުންނަށް ލިބޭ އިނާޔާތްތައް ކުޑަކޮށް ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ.
ރައީސް މައުމޫން ސެކިއުރިޓީ ނެތި ޓެކްސީގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ