އެމްޑީއެންއަށް ސަހަރޯވެގެން ރައީސް ނޫޅުއްވާ، ފިޔަވަޅު އަޅުއްވާނެ: ގާސިމް

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވަނީ އެ ޖަމިއްޔާއަށް އެމަނިކުފާނު ސަހަރޯވެގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީއެންއަށް ފިޔަވަޅު އެޅުން ލަސްވެގެން ސަރުކާރަށް ރައްދުވާ ފާޑުކިޔުންތައް ދިފާއު ކުރައްވާ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުގައި ވާޖިބު އަދާކުރައްވަން ތިއްބެވި ބޭފުޅުން، އެބޭފުޅުންނަށް ގާނޫނުތަކުން މަތިކޮށްފައިވާ ކަންތައްތައް ނުކުރައްވާ ކަމަށް ހީފުޅުވެގެން ނުވާނެ ކަމަށެވެ.
"ކަށަވަރުކަމާއެކީގައި އަޅުގަނޑު މިދަންނަވަނީ ޔަގީނުން ވެސް ދިވެހި ސަރުކާރުން އެކަމަށް ފިޔަވަޅު ފުރިހަމައަށް އަޅުއްވާނެކަން. ކުޑަތަންކޮޅެއް ލަސްވެގެންދާ ދިއުމަކީ އަދުލާއި އިންސާފުގެ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށްޓަކައި މިއަދު ވެރިކަމާ ހަވާލުވެގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އިރުޝާދާ ލަފާފުޅުގެ މަތިން ކަމަށް ވެސް ވެދާނެ. އަޅުގަނޑަށް ކަށަވަރު އެމަނިކުފާނު އެކަން އެ ކުރައްވަނީ ބަޔަކާމެދު ސަހަރޯވެރިވެގެން ވެގެން ނޫންކަން،" ގާސިމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެމްޑީއެންއަށް ފިޔަވަޅު އެޅުން ލަސްވިޔަސް، ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށައި ކޮންމެ ތަނަކު އެ ޖަމިއްޔާގެ މެމްބަރުން ތިއްބަސް އެމީހަކަށް ހައްގު އަދަބު ލިބޭނެ ކަމަށެވެ.
"މިކަން ކުރި ބަޔަކާމެދު ކޮންމެ ތާކު ތިއްބަސް ކޮންމެ ހޮރެއްގައި އޮތަސް ދަމާ ނެރޭނެ. އެމީހަކަށް ހައްގު އަދަބު އެމީހުންނަށް ލިބޭނެ. އެމްޑީއެން އުވާލުން އެކަނި ނިމުނީކީ ނޫނޭ އިނގޭތޯ. ﷲ ސުބުޙާނަހޫވަތަޢާލާ އަށް ޖޯކު ޖަހައި ޝަރީކުކުރި މީހުންނަށް އަދި އެކަނލާންގެއަށް ބަދުބަސް ބުނެ އަދި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ މަލާމަތްކުރި މީހުން ކިހިނެތްތޯ ސަލާމަތްވަނީ. ކޮން އިރަކުތޯ އެކަހަލަ މީހުން ސަލާމަތްވަނީ. ނުވާނެ އެހެނެއް އިނގޭތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އެމްޑީއެން އިން ލިޔެލާ ރިޕޯޓަކުން ރާއްޖޭގައި 900 އަށްވުރެ ގިނަ އަހަރު ވަންދެން އޮތް އިސްލާމް ދީން ފޮހެލެވިގެން ނުދާނެ ކަމަށާއި ރާއްޖެ ފަސާދަކޮށް އިގްތިސާދީ އަދި އިޖްމާތީ އަދާލަތާއި އެއްބައިވަންތަކަން ފުޑުފުޑުކުރަން އުޅުނަސް، މުސްލިމް އަގީދާއަކުން ހަރުދަނާވެފައި ތިބި ބައެއްގެ އަގީދާ ފުޑުފުޑުކޮށެއް ނުލެވޭނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތިބި ބަޔަކު ބޭޗާރަވެ ބިޗާރާވެފައި ތިބި ބަޔަކު ވިޔާނުދާ ބަޔަކު ނުކުމެ މިގައުމު ފަސާދަކުރަން ޖާގައެއް ނުދެވޭނެ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން މިތިބީ މިގައުމު ފަސާދަކުރަން ޖާގަ ދޭކަށް ނޫނޭ އިނގޭތޯ،" ގާސިމް ވިދާޅުވިއެވެ.
އަދި އެކި ދުވަހު އެކި މަންޒަރާއި އަޑު އިވުނަސް، ދިވެހި ރައްޔިތުންނަކީ އެއަށްވުރެ މާ ވަރުގަދަ އަގީދާއެއްގައި ތިބި މާ ހަރުދަނާ ބައެއްކަން ކަމަށާއި އެހެންކަމުން ކުޅޭ ކުޅިވަރަކަށް ނުވަތަ ޖޯކަކަށް އެކަން ހައްދަވައިގެން މި އަމާންކަމާއި އޮމާންކަމުން ފުރިފައިވާ ސުވަރުގެއެއްފަދަ ތަން ނަރަކައަށް ހަދަން ނޫޅުއްވުމަށް ގާސިމް އިލްތިމާސް ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ