އެމްޑީޕީ ތެރެއިން މަސައްކަތް ކުރަމުންދަނީ ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން، އެކަމެއް ނުވާނެ: ގާސިމް

އެމްޑީޕީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް އަލަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެތެރެއަށް ނިސްބަތްވާ ބޭފުޅަކު މިއަދު ވެރިކަމުގައި ހުންނެވުމުން އެބޭފުޅަކު ވެރިކަމުން ދުރުކުރުމަށް އެމްޑީޕީ ތެރެއިން ކެތްމަދުވެގެން މަސައްކަތްކުރަމުންދާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް ރައީސް ސޯލިހު ވެރިކަމުން ދުރުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.
''ރާއްޖެތެރެއަށް ނިސްބަތްވާ ބޭފުޅަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރީމާ އެމަނިކުފާނު މަގާމުން ބޭރުންކުރުމަށް ކެތްނުލަވައިގެން އެޕާޓީގެ ތެރެއިން މަސައްކަތްކުރަމުންދާ ތަން މިފެންނަނީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެތެރެއިންނާއި ބޭރުންވެސް. މިއީ އަޅެ ކޮންފަދަ ކަމެއްތޯ. މިގައުމުގެ ރައްޔިތުން ހަމަ ނޭވާލައިގެން އަމާންކަމާއެކީގައި ނޭވާލާނެ ފުރުސަތެއް ނުދޭންވެގެން މިތެޅިބާލަނީ ކޮންކަމަކާތޯ. މިއީ މުސީބާތަކަށް ނުވޭތޯ،'' ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހުރިހާ ބޭފުޅުންގެ މަސައްކަތުން ރައީސް ސޯލިހު ވެރިކަމަށް ގެނެސް، އޭރު އަނިޔާ ލިބެމުންދިޔަ އެންމެން އެ އަނިޔާތަކުން ސަލާމަތްވެފައިވާ ކަމަށެވެ. ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމާ ދިމާއަށް ދާއިރު، ވައުދު ފުއްދުންވެސް ލަސްވެގެން އެމްޑީޕީ ތެރޭގައި ވާހަކަދައްކާ ކަމަށް ވިދާޅުވިއެވެ. އެގޮތުން 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމުން ވެސް އެމްޑީޕީއަށް ކަމުނުދިޔަ ކަމަށް ގާސިމު ވިދާޅުވިއެވެ.
ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން، މި ސަރުކާރު ހިނގާލެއް ލަސް ކަމަށް އެމްޑީޕީން ބުނަމުންދާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ސަރުކާރު ހިނގާލެއް ލަސް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް ކެތްތެރިކަމެއް ހުންނަންވާނެ ކަމަށެވެ. ރައްޔިތުން ވެރިޔަކު އިންތިހާބުކުރަނީ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރަން ކަމަށާއި އެފުރުސަތު ވެރިމީހާއަށް ދޭންޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އެމަނިކުފާނު 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުއްވީމަ އެމްޑީޕީގެ ބޭފުޅުންނަށް ކަމަކު ނުދިޔަ. ކަންބޮޑުވެއްޖެ، ކީކޭތޯ ބުނާނީ. މި ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ. ވައުދުތައް ހާސިލުވިޔަނުދީ ސަރުކާރުން މަސައްކަތްކުރާ ވަރު ސުލޯއޭ ކިޔައިގެން ހަލުވާ ތަޅުވައިގަނެގެންވެސް ގަހެއްގައި އިންނަ އަނބު ބިނދެލާހެން ރައީސުލްޖުމްހޫރިއްޔާ ވައްޓާލަން. ބަލަގަ އެކަމެއް އެހެން ނުވާނެޔޭ އިނގޭތޯ،'' ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ވެރިކަމުން އިސްތުއުފާދެއްވި ގޮތަށް ރައީސް ސޯލިހުވެސް މަގާމުން އިސްތިއުފާދެއްވުމުން ދެން އިތުރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ