އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް އަލަށް ނަގަން ނިންމާފައިވާ ޓެކްސްތައް ނެގުމުން ވެދާނެ ގޮތްތައް ދިރާސާ ނުކޮށް ޓެކްސް ނަގަން ފަށައިފިނަމަ އެކަމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކުގެ އަގުބޮޑުވެ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެގެން ހިނގައިދާނެ ކަމަށާއި އެކަމުގެ ގެއްލުން ލިބިގެންދާނީ ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އަންނަ އަަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމަށް ޓީޖީއެސްޓީއާއި، ގްރީން ޓެކްސް އާއި އިމްޕޯޓް ޑިއުޓީ ނެގުމަށް މިހާރު ހުށަހަޅާފައިވާ ގޮތްތަކުގެ ސަބަބުން ހިދުމަތްތަކުގެ އަގަށް ގާތްގަނޑަކަށް 30 ޕަސެންޓްގެ ބޮޑު ބަދަލެއް އަންނަ ކަމަށެވެ. މިފަދަ ބޮޑު ބަދަލެއް ގެންނަވާއިރު ދައުލަތަށް އަންނާނޭ ބަދަލުތައް ފުރިހަމައަށް ދެނެގަނެވިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލްގެ ދަށުން ނެގިދާނެ ޓެކްސްތައް މާފުކުރެވޭނެ ގޮތަކަށް ކަންކަން ހަމަޖައްސާފައިވާއިރު ޓެކްސް މާފުކުރެވޭ ހާލަތުގައި މާލިއްޔަތަށް އަންނާނޭ ބަދަލު ފުރިހަމައަށް ދެނެގަނެވޭނީ "ރިސްކް އެސެސްމެންޓެއް" ހަދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ޖޭޕީގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އަލަށް ތައާރަފްކުރާ ޓެކްސްތަކުގެ ސަބަބުން އާދައިގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރުކުރާނޭ ކަމަށާއި ސަރުކާރު މުވައްޒަފުންނަށާއި ޓީޗަރުންގެ މުސާރަތައް މިހާރުވެސް ކުޑަކަމަށެވެ. އަދި ކުއްލި ކުއްލިއަށް ޓެކްސްތައް ތައާރަފްކުރާތީ ބޭރުގެ އިންވެސްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކުން މުޅި އިންޑަސްޓްރީ އަށް ނޭދެވޭ ބަދަލެއް އަންނާނޭ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވަމުންދާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ސަރުކާރުން ދައުލަތުގެ ބަޖެޓު ހުށަހެޅިއިރު ސަރުކާރުގެ މެގަ ޕްރޮޖެކްޓްތަކުގެ ތަފްސީލީ މައުލޫމާތު ހިމެނުމުގެ ބަދަލުގައި ބަޖެޓުގައި ޖަހާފައިވަނީ ހަމައެކަނި އަދަދުތަކެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދައުލަތަށް ކޮންމެހެން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު އަންނަ އަހަރުވެސް އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ރަނގަޅުކުރުމަށްޓަކައި ދައުލަތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި ބިދޭސީން ޓްރާންސްފާ ކުރާ ފައިސާއަށް ޓެކްސެއް ނެގުމާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރަން ޖެހޭ ކަމުގައިވެސް ރިޔާޒު ވިދާޅުވި އެވެ.
މެންބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަލަށް ތައާރަފްކުރާ ޓެކްސްތަކާއި ގުޅޭ މައުލޫމާތު ކަރުދާހެއް އެކުލަވާލާފައިވާ ކަމަށާއި އެ މައުލޫމާތުތައް މެންބަރުންނަށް ހިއްސާކުރައްވާނެ ކަމަށެވެ. މިނިސްޓަރު ޖިހާދު އިތުރަށް ވިދާޅުވީ އެއްފަހަރާ ޓެކްސްތަކެއް ތައާރަފްކުރުމުގެ ވިސްނުން ސަރުކާރުން ނުގެން ގުޅޭ ކަމަށެވެ.
އަލަށް ނަގާ ޓެކްސްތަކުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ