ފަޔާ ޓްރަކެއް ގެންގޮސް ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަން ފަށައިފި

އައްޑޫން ފަޔާ ޓްރަކެއް ގެންގޮސް ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކު މައްސަލައެއް ޖެހި އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި، އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރީ ހޯމަ ދުވަހުގެ ހަވީރު އެވެ.
ތަފްސީލް - ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު މިއަދު 'ދައުރު' އަށް ވިދާޅުވީ އައްޑޫން ފަޔާ ޓްރަކެއް ގެންގޮސް އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު އާންމު ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.
ލޯކަލް ޓޫރިޒަމްގައި ވެސް މަޝްހޫރު ފުވައްމުލަކު އެއާޕޯޓުގެ ފަޔާ ޓްރަކަށް މައްސަލައެއް ދިިމާވެ، އެއާޕޯޓް ބަންދު ކުރުމުން އެ ރަށަށް ދާން ތިބި ފަތުރުވެރިންނާއި އެ ރަށުގައި ތިބި ފަތުުރުވެރިންގެ ދަތުރުތަކަށް ބުރޫ އަރައި، ދަތިތައް ކުރިމަތިވި އެވެ.
"ބައެއް ފަތުރުވެރިންގެ އިންޓަނޭޝަނަލް ފްލައިޓުތައް މިސްވެ ކަންތައް ދިމާވި، މިކޮޅަށް އަންނަން ތިބި ފަތުރުވެރިންނަށް ދަތުރު ނުކުރެވި މާލޭގައި މަޑުކުރަން ޖެހުނު،" މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓު ހިންގުމާ އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން މޭޔަރު ވަނީ އެއާޕޯޓު ހިންގާ ކުންފުންޏަށް އިލްތިމާސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ