އާސެނަލް ފަހު ވަގުތު ވިލާގެ އަތްދަށުވެއްޖެ، ސިޓީން އިން ރަނގަޅަށް ފައިދާ ނަގައިފި އާސެނަލް ފަހު ވަގުތު ވިލާގެ އަތްދަށުވެއްޖެ، ސިޓީން އިން ރަނގަޅަށް ފައިދާ ނަގައިފި

ބާމިންހަމް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލް މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި، ލީގުގެ ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަތުން 2-1 އިން ބަލިވިއިރު، މެންޗެސްޓާ ސިޓީން 3-0 އިން ސަންޑަލެންޑް ބަލިކޮށް، އާސެނަލާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ލީގުގެ އެއް ވަަނައިގައި އޮތް އާސެނަލަށް 15 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ސިޓީން ދެ ވަނައިގައި އޮތީ 15 މެޗުން 31 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ވިލާ އަށް ވަނީ 15 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ވިލާ އިން ލީޑުނެގީ 36 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މެޓީ ކޭޝް ޖެހި ގޯލުންނެވެ. އަދި، ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ، އާސެނަލަށް އެއްވަރުކޮށްދިނީ މި ހާފުގައި ބަދަލަކަށް ކުޅެން އެރި ލެއަންޑްރޯ ޓްރޮސާޑް އެވެ. ވިލާ އިން މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓް ވެސް ހަމަވާން ސިކުންތު ކޮޅަކަށްވެފައި ހުއްޓަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އެމިލިއާނޯ ބުއެންޑީއާ ޖެހި ގޯލާ އެކު، ވިލާ މޮޅުވިއިރު، 18 މެޗުގެ ތެރެއިން އާސެނަލް ވަނީ ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
ސިޓީން އަމިއްލަ ދަނޑުގައި ފުރަތަމަ ހާފު ނިންމާލީ ވެސް ދެ ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމުން ފުރަތަމަ ލަނޑު ޖެހީ 31 ވަނަ މިނިޓްގައި ރިޔާން ޗާކީ ދިން ބޯޅައަކުން ރުބެން ޑިއާޒް އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސިޓީގެ ދެ ވަނަ ލަނޑު ޖެހީ ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޮސްކޯ ގްވާޑިއޯލް އެވެ. އަދި، ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ލަނޑު ޖެހީ، ޗާކީ ދިން ބޯޅައަކުން ފޯޑެން އެވެ.
ލީގުގައި މިރޭ ޗެލްސީ އާއި ބޯންމައުތު ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ބޯންމައުތުގެ އެންޓުއާން ސެމެންޔޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ގޯލެއް ނޫން ކަމަށެވެ. ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ މިރޭ އަމިއްލަ ދަނޑުގައި 2-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. އަދި، އެވަޓަން އިން 3-0 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ބާންލީ އަތުން 2-1 ނިއުކާސަލް ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ.
ލީގުގެ ހަތަރު ވަނައިގައި ޗެލްސީ އޮތީ 15 މެޗުން 25 ޕޮއިންޓާ އެކު އެވެ. ފަސް ވަނަ އަށް ޖެހިލި އެވަޓަން އަށް ވަނީ 15 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ