އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލާ ގޮތަށް އަލުން ފްލެޓަށް ލެވޭ ގޮތް ހަދަން ވިސްނާނަން: ރައީސް

މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލާފައި ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހޯދައި ދިނުމާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ރައީސް މިހެން ވިދާޅުވީ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި މިރޭ ބޭއްވި ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ބައެއް މީހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.ރޭގެ ބައްދަލުވުމުގައި ބައެއް މީހުން ވަނީ، މީގެ ކުރިން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބިފައިވާތީ އަލަށް ހުޅުވާލާ އެއްވެސް މަޝްރޫއަކަށް ކުރިމަތިނުލެވޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.އޭގެ ތެރެއިން އެކަކު ބުނީ، އޭނާ ކުރިން އެއް ކޮޓަރީގެ ފްލެޓަކަށްލީ އެ ނޫން އެއްވެސް ގޮތެއް ނެތިގެން ކަމަށާއި މިހާރު 10 އަހަރުގެ ފިރިހެން ކުއްޖަކާއި މަންމައަކު ބަލަމުންދާ އެކަނިވެރި މަޔަކަށްވާތީ އެއަށް ވުރެ ބޮޑު ތަނެއް ދިރިއުޅުމަށް ބޭނުންވާ ކަމަށެވެ."މި 15،000 ގޯތި ދީ ނިމޭއިރު ވަރަށް ބޮޑަށް މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ގޯތީގެ މައްސަލަ އަށް ހައްލެއް އަންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.ރައީސް ރޭ ވަނީ ހުޅުމާލެ 3 އާއި ގިރާވަޅުފަޅު އަދި ގުޅިފަޅު ހިއްކުމުގެ ތާވަލް ވެސް ތަކުރާރު ކުރައްވައިފަ އެވެ.އެ މަނިކުފާނު ވިދާޅުވީ، ބޮޑު ދެ ޑްރެޖަރެއް ބޭނުންކޮށްގެން ހުޅުމާލެ 3 ހިއްކަމުން އަންނަ ކަމަށް މި މަހުގެ ނިޔަކަށް އެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އެއާ އެކު، އެ ތަނުން ގޯތި ލިބިފައިވާ މީހުންނާ މި ސަރުކާރުން ގޯތި ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.ރޭގެ ބައްދަލުވުމުގައި ވެސް ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ކަންބޮޑުވުންތަކެއް އާންމުން ފާޅުކުރި އެވެ. އެ ހުރިހާ ކަންބޮޑުވުންތަކަށް ޖުމްލަ ގޮތެއްގައި ރައީސް ރޭ ވެސް ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މާާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ