މެންޗެސްޓާ (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގަައި ރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވާން ދަނިކޮށް ވެސްޓް ހޭމް ޔުނައިޓެޑުން 1-1 އިން އެއްވަރުކޮށްފި އެވެ.
މި މެޗުން މޮޅުވެގެން، ލީގުގެ ފަސް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތެވެ. އެކަމަކު، ލިބުނު ޕޮއިންޓާ އެކު، ޔުނައިޓެޑް އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ، 14 މެޗުން ލިބުނު 22 ޕޮއިންޓާ އެކު އެވެ. ވެސްޓް ހޭމުން މި މެޗުން ލިބުނު ޕޮއިންޓާ އެކު، ލީގުގެ ރެލިގޭޝަން ޒޯނުގައި، 18 ވަނައިގައި އޮތީ 14 މެޗުން 12 ޕޮއިންޓާ އެކު އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި، އެ ޓީމުން ފުރަތަމަ ހާފުގައި ލީޑުނެގުމަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެެވެ. އެ ގޮތުން، ޔުނައިޓެޑްގެ ބްރަޔަން އެމްބެއުމޯ ޖެހި ބޯޅަ ވެސްޓް ހޭމްގެ ކީޕަރު، އަލްފަންސޯ އަރެއޯލާ ވަނީ މަަތަކޮށްފަ އެވެ. އަދި، ޔުނައިޓެޑްގެ ޖޯޝުއާ ޒާކްޒީ ޖެހި ބޯޅައެއް ގޯލުގެ ރޮނގުމަތިން ވެސްޓް ހޭމްގެ ޑިފެންޑަރު، އާރޮން ވަން ބިސާކާ ވަނީ ސަލާމަތްކޮށްފަ އެވެ.
މެޗުގައި ޔުނައިޓެޑުން ލީޑުނެގީ 58 ވަނަ މިނިޓްގައި ޑިއޯގޯ ޑަލޯ ޖެހި ގޯލުންނެވެ. މިއީ، މިދިޔަ އަހަރުގެ މެއި މަހުގެ ފަހުން ލީގުގައި ޑަލޯ ޖެހި ފުރަތަމަ ގޯލެވެ. އޭނާ މި ލަނޑު ޖެހީ ޔުނައިޓެޑްގެ ކަސެމީރޯ ޖެހި ޝޮޓެއް ވެސްޓް ހޭމްގެ މަޓެއުސް ފެނާންޑޭޒް ފައިގައި ޖެހިފައި ޑަލޯ އަށް ލިބުމުން ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ގޯލެކެވެ.
ވެސްޓް ހޭމް އިން އެއްވަރުކުރީ 81 ވަނަ މިނިޓްގައި ސޮންގޫޓޫ މަގާސާ ޖެހި ގޯލުންނެވެ. ވެސްޓް ހޭމަށް ލިބުނު ކޯނަރެއްގައި ޖެރޮޑް ބޮވެން ބޮލުން ޖެހި ބޯޅަ ގޯލު ރޮނގުމަތިން ޔުނައިޓެޑްގެ ނުސައިރު މަޒްރައޮއީ ސަލާމަތްކުރި ނަމަވެސް އެ ބޯޅަ އޭރިއާތެރޭގައި ހުރި މަގާސާ އަށް ލިބުމުން ހަމަޖެހިލައިފައި އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، މޮނާކޯ ދޫކޮށް މި ފަހަރު ވެސްޓް ހޭމަށް ބަދަލުވި މަގާސާ ޖެހި ފުރަތަމަ ގޯލެވެ.
ޔުނައިޓެޑް މޮޅުކޮށްދޭން އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ދެ ފުރުސަތުގައި ވެސް ގޯލާ ސީދާކޮށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ވެސްޓް ހޭމް އިން ޔުނައިޓެޑް ހުއްޓުވައިފި ވެސްޓް ހޭމް އިން ޔުނައިޓެޑް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ