އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ މުހިންމު އިންވެސްޓްމަންޓެއް ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ރައްޔިތުންތަކެއް ތިބުމަކީ ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް މުހިންމު ކަމެކެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ބަލިޖެހުމުގެ ކުރިން ރައްކާތެރިވުމަށް ދެވޭ ޚިދުމަތްތަކާއި، ބަލިޖެހުމުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ހިމެނޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ ތެރެއިން، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުވައި، ނުޤަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރި ނުކުރުމަށް ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ފަރާތްތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ބަޖެޓުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސް ވަނީ "އަތުން ހިފޭ ތަރައްޤީއާއެކު ލޮލުން ފެންނަ، އަދި އިޙްސާސް ކުރެވޭ ތަރައްޤީ" ގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، 2026 ވަނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމަށެވެ. ވަޒީރުންގެ މަޖިލީހުން 2026 ވަނަ އަހަރުގެ ބަޖެޓް އޮންނަން ވާ ގޮތް ނިންމާފައިވާއިރު، މިހިނގާ ހަފުތާ ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ފާދިއްޕޮޅުގެ އޮޅުވެލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ދެއްވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ސިއްހީ ދާއިރާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ