ކާވާ މެންސް ކަޕްގެ ލީގު ބުރުގެ ހުރިހާ މެޗަކުން ރާއްޖެ ބަލިވެއްޖެ ކާވާ މެންސް ކަޕްގެ ލީގު ބުރުގެ ހުރިހާ މެޗަކުން ރާއްޖެ ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ކާވާ މެންސް ކަޕްގެ ލީގު ބުރުގައި ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ކުޅުނު ހުރިހާ މެޗަކުން ބަލިވެއްޖެ އެވެ.
މި މަހު 22 އިން ފެށިގެން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްގައި ކުރިއަށްދާ ކާވާގެ މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމަކުން ވާދަކުރެ އެވެ. ލީގު ބުރުގެ ފަސް މެޗުން ރާއްޖެ ބަލިވީ ސެޓެއް ވެސް ނުލިިބި އެވެ.
ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، ބަންގްލަދޭޝް އަތުން ރާއްޖެ ބަލިިވި މެޗުގައި ސެޓުތައް ދިޔައީ، 25-21، 25-13 އަދި 25-21 އިންނެވެ. ދެ ވެނަ މެޗުގައި، އަފްގާނިސްތާން އަތުން ރާއްޖެ ބަލިވިއިރު، ސެޓުތައް ދިޔައީ، 25-17، 25-20 އަދި 25-12 އިންނެވެ. ތިން ވަނަ މެޗުގައި ނޭޕާލް އަތުން ބަލިވީ 25-21، 25-23 އަދި 25-18 އިންނެވެ. ހަތަރު ވަނަ މެޗުގައި ސްރީ ލަންކާ އަތުން ބަލިވީ 25-21، 27-25 އަދި 25-18 އިންނެވެ. އަދި، ލީގު ބުރުގެ ފަހު މެޗުގައި، ތުރުކުމެނިސްތާން އަތުން ބަލިވީ 25-14، 25-19 އަދި 25-18 އިންނެވެ.
ލީގު ބުރަށް ފަހު މުބާރާތުގެ ފޯމެޓް ރޭވިފައިވަނީ، އެއް ވަނަ އާއި ދެ ވަނައިގެ މެދުގައި ރަން މެޑަލް ލިބޭ ގޮތަށް ފައިނަލް މެޗެއް ކުޅޭ ގޮތަށެވެ. އަދި، ދެން އޮންނާނީ ތިން ވަނަ އާއި ހަތަރު ވަނަ ބައްދަލުކުރާ ލޯ މެޑަލް މެޗެވެ. އަދި، ފަސް ވަނަ އާއި ހަ ވަނަ ކުޅޭނީ ރޭންކިން މެޗެކެވެ. އެ ގޮތުން، މިއަދު މި މެޗުތައް ކުޅޭއިރު، ރަން މެޑަލް މެޗުގައި ކުޅެނީ، ތުރުކުމެނިސްތާން އާއި އަފްގާނިސްތާން އެވެ. ލޯ މެޑަލް މެޗުގައި، ސްރީ ލަންކާ އާއި ބަންގްލަދޭޝް ވާދަކުރާއިރު، ރޭންކިން މެޗުގައި ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ