އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓް ވާނީ މާލީ ބުރައަކަށް: އެމްޑީޕީ

ކުރިއަށްއޮތް އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓްގައި ރައްޔިތުންނަށާއި ޤައުމަށް ވާނެ މޮޅެއްނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާ ގުޅޭގޮތުން އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އަދި އެޕާޓީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުން ޤައުމަށް ލިބޭނޭ ނަފާއެއް މޮޅެއް ނެތްކަމަށެވެ.
އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު ގައުމު މިއަދު މިއޮތް ހާލަތު ރަނގަޅުކުރުމުގެ ސިޔާސަތެއް އަދި އެއްވެސް ރޭވުންތެރިކަމެއް ނުފެންނަ ކަމަށެވެ. ބަޖެޓުގައި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތަކެއް ގެނެވިފަ ނުވާކަމަށާއި، ބަޖެޓުން ފެންނަނީ މިހާރުވެސް ސަރުކާރު ހިނގާ ބީދައިން ކަންކަން ކުރުމަށް ދޫކޮށްފައި އޮތް ބަޖެޓެއްގެ ގޮތުގައިކަން އަމީރު ވިދާޅުވިއެވެ.
މިދިޔަ ދެ އަހަރުތެރޭ ސަރުކާރުން މާލީ ގޮތުން ހެދި ގޯސްތައް ތަކުރާރުވާނޭ ގޮތްތައް އަންނަ އަހަރަށް ލަފާކުރި ބަޖެޓުންވެސް މި ފެނިގެންދަނީ
އަމީރު ވިދާޅުވިއެވެ
އޭނާ ވިދާޅުވީ ބަޖެޓަށް ބަލާއިރު އިގްތިސާދީ އަދި މާލީ ކަންކަން ހައްލުކުރުމަށް އެއްވެސް ރިފޯމެއް ގެނައުމުެގ އެއްވެސްކަމެއް ބަޖެޓުން ފެނިގެން ނުދާކަމަށެވެ. ރައްޔިތުންނަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް ޒަމާނީ ކުރިއެރުންތަކުގެ ފަސޭހަކަން ގެނެސްދިނުމަށް ޤައުމުތަކުގެ ބަޖެޓުން ފެންނަމުންދާއިރު، އެފަދަ އެއްވެސްކަމެއް ސަރުކާރުން ހުށަހެޅި ބަޖެޓްގައި ފެނިގެން ނުދާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުން ލަފާކުރި ބަޖެޓާ ގުޅޭގޮތުން އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ވާހަކަދައްކަނީ... ފޮޓޯ: ވޮއިސް
އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް 8.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެގެންދާއިރު، މި ބަޖެޓް ވެގެންދާނީ އަންނަ އަހަރު ދައުލަތަށް މާލީ ގޮތުން އުފުލަންޖެހޭނެ ބުރައަކަށްކަމަށެވެ. އެގޮތުން މި ބަޖެޓަށް ބަލާއިރު، ސަރުކާރުން އަންނަ އަހަރު ގިނަ ލޯނުތަކެއް ނަގަންޖެހޭނޭކަން އަމީރުގެ ވާހަކާގައި ފާހަގަކުރިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށެވެ.
މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ