ދިރިއުޅުމުގެ ޒަމާނީ ވައްޓަފާޅި އަހަރެމެންނަށް މަޖުބޫރުކުރަނީ ގިނަ ވަގުތު އިށީނދެ ތިބުމަށެވެ. އޮފީސް މޭޒު ދޮށުގަޔާއި ޓީވީ ބެލުމުގައެވެ. އެއްގަމާއި ވަޔާއި ކަނޑު އުޅަނދުތަކުގައި ކުރާ ދުރު ދަތުރުތަކުގައެވެ. ގިނަ ވަގުތު އޮފީސް މޭޒު ދޮށުގައި އިނދެ ސިކުނޑި ވަރުބަލިވުމުން، އެ ވަރުބަލިކަން ފިލުވައިލުމަށް ދެން ކުރާ ކަމަކީ ވެސް، ތަނެއްގައި އިށީނދެ އިނދެ، ފޮތެއް ކިޔުން ނުވަތަ ފޯނާ ކުޅުން ނުވަތަ ޓީވީ ބެލުމެވެ.
ގިނަ ވަގުތު އިށީނދެ އިނުމަކީ، ހަށިގަނޑުގެ ލޭ ދައުރުކުރުމުގެ ނިޒާމަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެކެވެ. ލޭ ހޮޅިތަކާއި ލޭ ނާރުތަކުގެ މަސައްކަތަށް ހުރަސްއެޅި، ސިއްހަތަށް އެކަމުގެ ގެއްލުންތައް ފޯރަން ފަށައެވެ. އެކަން އެހެން ވިޔަސް، ގިނަ ވަގުތު އިށީނދެ ތިބުމާ މުޅިން ދުރުވެވޭނެ ގޮތެއް ވެސް ނެތެވެ. މިކަމަށް އެހެން ހައްލެއް ހޯދަންޖެހެއެވެ.
ސައެންސްވެރިން ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ގަސްގަހާގެހިން ލިބޭ ކާނާގެ ބާވަތްތަކުގައި ހިމެނޭ އެންޓިއެކްސިޑެންޓެއް ކަމަށްވާ ފްލެވަނޯލް އެކުލެވޭ ކާނާއެއް ބޭނުންކުރުމަކީ، ގިނަ ވަގުތު އިށީނދެ ތިބޭ މީހުންގެ ސިއްހަތަށް ފައިދާ ކުރަނިވި ކަމެކެވެ. ފްލެވަނޯލް އެންމެ ގިނަ ބާވަތްތަކުގެ ތެރޭގައި ކޮކޯ، ސައިފަތް އަދި ބެރީގެ ތަފާތު ބާވަތްތައް ހިމެނެއެވެ.
ފްލެވަނޯލް ހިމެނޭ މޭވާއެއް ނުވަތަ ތަރުކާރީއެއް ބޭނުންކުރުމަކީ، އިށީނދެ އިންނަ ވަގުތުގައި ލޭ ދައުރުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރު ކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ވަގުތު އިށީނދެ އިނުމުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދެ ފައިގެ ލޭނާރުތަކަށާއި ލޭ ހޮޅިތަކަށެވެ. ޖިސްމާނީ ގޮތުން ހަށިހެޔޮ މީހުންނަށް ވެސް މި ގެއްލުން ލިބެއެވެ.
އެމެރިކާގައި ދާދި ފަހުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އެ ގައުމުގެ ވަޒީފާ އަދާކުރާ އުމުރުގެ ބޮޑެތި މީހުން އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހަކު ވެސް މަދުވެގެން ހަ ގަޑިއިރު އިށީނދެ ތިބެއެވެ. އަދި އެއަށް ވުރެ ހަގު ޒުވާނުންނާއި ކުދިން އެއަށް ވުރެ ގިނަ ވަގުތު އިށީނދެގެން ތިބެއެވެ. ހަރަކާތްތެރިވެ އުޅުން މަދުވެ ލޭނާރުތަކާއި ލޭހޮޅިތަކުގެ މަސައްކަތް ހީނަރުވަމުންދާ ވަރަކަށް، ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އިތުރުވެގެންދެއެވެ.
އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމް އިން ކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި، ގިނަ ވަގުތު އިށީނދެ ތިބުމުން ލޭ ހިނގުމުގެ ނިޒާމަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއަކީ، ފްލެވަނޯލް ބޭނުންކުރުމެވެ. ދަ ޖާނަލް އޮފް ފިޒިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން، ދެ ގަޑިއިރު ވަންދެން ތަނެއްގައި އިށީނދެ އިނުމުގެ ކުރިން، ގިނައިން ފްލެވަނޯލް އެކުލެވޭ ކޮކޯގެ ބުއިމެއް ބޯ ޒުވާނުންގެ ލޭ ދައުރުކުރުމުގެ ނިޒާމަށް ހީވާގިކަން ލިބެއެވެ.
އެ ގޮތުން، އެފަދަ ޒުވާނުންގެ ފައިގެ ފަލަމަސްގަނޑާއި މާކަޅުވާ މަސްގަނޑުގެ ތެރޭގައި ހުންނަ ލޭ ހޮޅިތަކާއި ލޭނާރުތަކުގައި ލޭ ދައުރުކުރާ މިންވަރު އިތުރުވެއެވެ. އަދި އެމީހުންގެ އަތްދަނޑީގެ ލޭ ހޮޅިތަކުގައި ލޭ ދައުރުކުރުން ވެސް އިތުރުވާކަން ދިރާސާގައި ފާހަގަކުރެވުނެވެ.
މި ދިރާސާކުރީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގައި ދުޅަހެޔޮ 40 ފިރިހެނުން ބައިވެރިކޮށްގެންނެވެ. މި ސާޅީސް މީހުންނަކީ ފުއްޕާމެޔާއި ހިތުގެ ދުޅަހެޔޮކަން ވަޒަންކުރާ ލެބޯޓެރީ ޓެސްޓުތައް ހެދި އިރު، ޖިސްމާނީ ހަށިހެޔޮކަން (ފިޓްނެސް ލެވެލް) މަތީ މިންގަނޑުގައި ހުރި 20 މީހުންނާއި ޖިސްމާނީ ހަށިހެޔޮކަން އާދައިގެ މިންގަނޑެއްގައި ހުރި 20 މީހުންނެވެ.
މި ދިރާސާ ފެށުމުގެ 12 ގަޑިއިރު ކުރިން ފެށިގެން، ކެފޭން، އަލްކޮހޯލް ހިމެނޭ އެއްވެސް ކެއުމެއް ބުއިމެއް އެމީހުން ބޭނުމެއް ނުކުރެއެވެ. އަދި އެއްވެސް ބަރު ކަސްރަތެއް ނުކޮށް 24 ގަޑިއިރު ހޭދަކުރިއެވެ.
އެއަށް ފަހު ދިރާސާގެ ފުރަތަމަ ކަމަކަށް އޮތީ 15 މިނެޓް ވަންދެން އުޑުތިލަމަތިން އަރާމުކުރަން ބާއްވައިގެން އެމީހުންގެ ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތަކާއި ހިތުގެ ހިނގުމަށް އަންނަ ބަދަލުތައް ދިރާސާކުރުމެވެ. އަދި ފައިގެ ފަލަމަސްގަނޑާއި ކުޑަކަޅުވާ މަސްގަނޑާއި އަތްދަނޑީގައިވާ ލޭ ހޮޅިތަކުގައި ލޭ ދައުރުކުރާ ގޮތަށް އަންނަ ބަދަލުތައް ދިރާސާކޮށް ބެލިއެވެ.
މި ޓެސްޓުތައް ހެދުމަށް ފަހު، ދެ ގަޑިއިރު ވަންދެން އެމީހުން ތިބީ ދެ ފައިތިލަ ހަމައަށް ބިންމަތީގައި ޖެހޭ ގޮތަށް ގޮނޑިއެއްގައި ބައިތިއްބާފައެވެ. އެ ދެ ގަޑިއިރުގެ ތެރޭގައި އެ މީހުންގެ ދެ އަތުން ކުރަން ޖެއްސީ، މޭޒު ދޮށުގައި އާންމުކޮށް ކުރާ ކަންކަމެވެ. ކޮމްޕިއުޓަރު ބޭނުންކުރުމާއި ލިޔުމާއި ފޯނުން މެސެޖް ކުރުން ފަދަ ކަންކަމެވެ.
އެމީހުން ގޮނޑިތަކުގައި އިށީނުމާއެކު، ބައެއް މީހުންނަށް، މަތީ މިންވަރަކަށް ފެލްވަނޯލް އެކުލެވޭ ކޮކޯ ބުއިމެއް، އަދި އަނެއް ބަޔަކަށް، ވަރަށް ކުޑަކޮށް ފްލެވަނޯލް އެކުލެވޭ ކޮކޯ ބުއިމެއް، 10 މިނެޓް ތެރޭގައި ބޮއެ ހުސްކުރުމަށް ދިނެވެ. މި ބުއިން ތައްޔާރުކުރީ 350 މިލިލީޓަރުގެ ސްޕްރިންގް ފެނުގެ ތެރެއަށް ކޮކޯ އަޅައިގެންނެވެ. މަތީ މިންވަރަށް ފްލެވަނޯލް އެކުލެވޭ ބުއިމުގައި 695 މިލިގްރާމްގެ ފްލެވަނޯލް ހިމެނެއެވެ. ވަރަށް ކުޑަކޮށް ފްލެވަނޯލް އެކުލެވޭ ބުއިމުގައި އެކުލެވެނީ 5.6 މިލިގްރާމްގެ ފްލެވަނޯލްއެވެ.
އެއަށް ފަހުގައި މި ދެބައިމީހުންގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ގޮތަށް އައި ބަދަލުތައް ދިރާސާކުރުމުން އެނގުނީ، މިންވަރަށް ފްލެވަނޯލް އެކުލެވޭ ބުއިން ބޭނުންކުރި މީހުންގެ ދެފަޔާއި ދެ އަތްދަނޑީގައި ލޭ ދައުރުކުރުން އިތުރުވި ކަމެވެ. ނަމަވެސް ވަރަށް ކުޑަކޮށް ފްލެވަނޯލް އެކުލެވޭ ބުއިން ބޭނުންކުރި މީހުންގެ ހަށިގަނޑުން މި ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. އަދި މިކަމުގައި، ޖިސްމާނީ ހަށިހެޔޮކަން މަތީ މިންގަނޑުގައި ހުރި މީހުންގެ ކިބައިން ވެސް ވަކި ތަފާތެއް ނުފެންނަ ކަމަށް ދިރާސާ ޓީމުން ބުނެއެވެ.
ކޮކޯ އާއި ބެރީގެ ބާވަތްތައް ނުކައި ފަރުޖެއްސޭކަށް ނެތް ކޮކޯ އާއި ބެރީގެ ބާވަތްތައް ނުކައި ފަރުޖެއްސޭކަށް ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ