ސިފައިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދޭނަން: ރައީސް

ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް މި ފަސް އަހަރު ދުވަހުގެތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ އެންމެމަތީ ވެރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ކޯރ އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަޚުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ޤައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ.
މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް (ފިކުރީ ހަނގުރާމަ) ކުރިމަތިވެފައިވާ ކަމަށެވެ. އަދި، އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީވެސް މި ވިސްނުމުގައި ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންނޫނީ، ނޭނގި ހުއްޓައި އަޅުގަނޑުމެންގެ އަތުން ބީވެގެންދާނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ މުސްތަޤްބަލު ކަމުގައި ފާހަގަކުރެއްވިއެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާހަކަފުޅުގައި، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ޚާއްޞަ އިސްކަމެއް ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ ޤާބިލުކަން ވަރުގަދަކޮށް، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ސިފައިންގެ އެންމެ މަތީ ވެރިޔާ ވިދާޅުވީ، ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަމަށާއި، އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ދިވެހި ސިފައިންނަށް ޚާއްޞަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، އެކަން ހަމަޖެހިގެންދާ މިންވަރަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަޤީން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމުގެ އިމުގައި ކޮމާންޑަރ އިން ޗީފް ދަންމަވާފައިވާ ވަރުގަދަ ރަތް ރޮނގު ބެހެލެއްޓުމަށް އެންމެ ޒަމާނީ ވަސީލަތައް ހޯއްދަވައި ދެއްވައި، ދިވެހި އަސްކަރިއްޔާގައި ފުރަތަމަ ފަހަރަށް އެއަރ ކޯއެއް ޤާއިމުކޮށްދެއްވައި، ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލްސް (ޔޫއޭވީ) ހޯއްދަވައި ދެއްވި ދެއްވުމަކީ، އެ ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑަރ އިން ޗީފްގެ ދުރު ވިސްނުންފުޅާއި، ދިވެހި ޤައުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުުރެއްވުމަށް އެމަނިކުފާނު ދެއްވާ އިސްކަން ސާބިތުވެގެންދާ ކަމެއްކަން ފާހަަގަކުރެއްވިއެވެ.
އަދި، ސިފައިން ހަރަކާތްތެރިވާ ދާއިރާތަކަށް އެންމެ ޒަމާނީ ވަޞީލަތްތައް ހޯއްދަވައިދެއްވުމާއި، ސިފައިންގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްޕުޅުގެ އިތުރުން، ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައިވާކަން ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ކަނޑުމަގުން ސިފައިން ކުރަމުންދާ މަސައްކަތްތަކާއި، އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކުރުމާއި، އަދި ދިވެހި ރައްޔިތުންނަށްޓަކައި ސިފައިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، ދިފާޢީ ވަޒީރު ސިފައިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމީ ޚިދުމަތުގައި ކުރިއަށްދިއުމުގައި ނަފުސަށްވުރެ ދިވެހި ޤައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ސިފައިންނަށް ނަޞޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ އިސް ލީޑާރޝިޕުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ