ޕެނަލްޓީގައި ގާފަރު ބަލިކޮށް މުބާރާތްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކ. ގާފަރު އަދި ބ. އޭދަފުށި ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން މޮޅުވެ އޭދަފުށިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބ. އޭދަފުށި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި ކުއާޓާ ފައިނަލުގައި މުބާރާތްގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ބަލިކުރުމަށްފަހު އެވެ. އަދި ކ. ގާފަރުން ސެމީގެ ފުރުސަތު ހޯދީ ކުއާޓާ ފައިނަލްގައި ދ. ކުޑަހުވަދޫ ބަލިކުރުމަށްފަހު އެވެ.
ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ގާފަރުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ މާއިސް އެވެ.
Advertisement
މިއީ އޭދަފުށި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ކައިރީގައި ހުރި ކުޅުންތެރިއާ ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ގާފަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ 34 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް ގާފަރު ޓީމަށް ވަނީ ދުރު ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ އިބްރާހިމް ރިމާހް ކުރިއަށް ފޮނުވާލި ޕެނަލްޓީ އޭދަފުށީ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އޭދަފުށިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ގާފަރުގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ޖެހިގެންއައި މިނެޓުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް ލިބުނު ދުރު ޕެނަލްޓީ ސެންޓޭ ފޮނުވާލުމުން ގާފަރުގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ގާފަރުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ދުރު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ ޝަނާން ރަޝީދު އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުކޮޅެއްގެ ތެރޭގައި އޭދަފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އޭދަފުށިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު، ގާފަރުގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-5 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އޭދަފުށީގެ ގޯލު ކީޕަރު އަބްދުﷲ ނާސިހް އެވެ.
މުބާރާތުގެ ފައިނަލްގައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ އޭދަފުށި ނުކުންނަނީ އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ